ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 64 އަށް ބޮޑު ކުރުމަކީ ފީފާއިން ފުޓްބޯޅަ ހަލާކު ކުރަން، ކުރާ ކަމެއް ކަމަށް ސްޕެއިންގެ ފުޓްބޯޅަ ލީގުގެ ރައީސް ހަވިއާ ޓެބާސް ވިދާޅުވެއްޖެ އެވެ. 

ދެން އަންނަ ވޯލްޑް ކަޕްގެ މެޗުތައް މައިގަނޑުގޮތެއްގައި ކުޅޭނީ ސްޕޭނާއި ޕޯޗުގަލް އަދި މޮރޮކޯގަ އެވެ. އެ މުބާރާތުން ފެށިގެން ޓީމުތަކުގެ އަދަު 64 އަށް އިތުރު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ފީފާއިގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

ނިމިދިޔަ ވޯލްޑް ކަޕަކީ 48 ޓީމަށް ފޫޅާކޮށްގެން، ފީފާއިން ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. 

ލަލީގާގެ ރައީސް ޓެބާސް ވިދާޅުވިގޮތުގައި ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަު އިތުރުކުުރުމަކީ ފުޓްބޯޅަ އަށް އެންމެ އެކަށީގެންވާ ބަދަލަކަށް ނުވާނެ އެވެ. 

"ފުޓްބޯޅަ އިންޑަސްޓްރީއަކީ އެ މުބާރާތެއް ކިތަންމެ މުހިންމުވިއަސް ހަމައެކަނި ވޯލްޑް ކަޕެއް ނޫން،" އިތަލީގެ ކުޅިވަރު ނޫސް ގެޒެޓާ ޑެލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ޓެބާސް ވިދާޅުވި އެވެ. 

"މުބާރާތްތަކުގެ ކަލަންޑަރާމެދު އަހަރެމެންގެ ހުރި ކަންބޮޑުވުންތައް ތަކުރާރުކޮށް ވަނީ ހާމަކޮށްފައި. އަދި މިހާރު އެމީހުން ބޭނުންވަނީ 64 ޓީމުގެ ވޯލްޑް ކަޕެއް އިންތިޒާމުކުރަން."

އޭނާ ވިދާޅުވީ ފުޓްބޯޅަ އިންޑަސްޓްރީ ދަމަހައްޓަނީ ގައުމުތަކުގެ ލީގުތަކުން ކަމަށެވެ. 

"މި ކުޅިވަރު ދިރުވައިދެނީ ގައުމީ ލީގުތަކުން. އެމީހުންނަށް [ފީފާ] މިކަން ނުވިސްނޭ. އަދި ނިންމުންތައް ނިންމަނީ ޒިންމާދާރުކަން ކުޑަކޮށް،" ޓެބާސް ވިދާޅުވި އެވެ.