އަމިއްލަ ދަނޑުގައި ބާސެލޯނާއި ބަލިނުވެ އަހަރަލަށް ވުރެ ގިނަ ދުވަސް ވަންދެން ދެމެހެއްޓި ރެކޯޑަށް ވާދެވެރި ރެާއާލް މެޑްރިޑުން ނިމުން ގެނެސްފި އެވެ.
ސީޒަނުގެ ފުރަތަމަ އެލްކްލެސިކޯގައި، ބާސާގެ ކޭމްޕް ނޯގައި ކުޅުނު މެޗު ކިލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު ރެއާލުން ކާމިޔާބު ކުރީ 2-1 ންނެވެ.
މި މެޗާ ބާސާއިން ކުރިމަތިލީ ޑޮމެސްޓިކް ސީޒަނުގައި އެއްވެސް މަޗަކު ބަލި ނުވެ ދަމަހައްޓަމުން އައި ރެކޯޑާ އެކު އެވެ. އެކަމަކު ރެއާލުން ވަނީ އެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
މިއީ ބާސާއަށް އެއް ހަފުތާތެރޭ ކުރިމަތިވި ދެވަނަ ބައްޔެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީ އަތުން ވެސް ބަލިވީ އެވެ.
ރޭގެ މެޗަށް ފަހު ބާސާގެ ކޯޗު ހެންސީ ޑިއެޓާ ފްލިކް ފާހަގަ ކުރީ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ކުރިމަތިވާ އުނދަގޫތަކެވެ. ޕީއެސްޖީގެ މެޗަށް އޭނާ ނެރުނު ފުރަތަމަ 11 އިން މުހިންމު ބައެއް ކުޅުންތެރިންނަށް ޖާގަ ނުދިނީ އެްކްލެސިކޯ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ފްލިކް، އެ މެޗަށް ފަހު ބުނެފައިވެ އެވެ.
އެކަމަކު އޭގެ ފައިދާ ރޭގެ މެޗުގައި ބާސާއކަށް ނުނެގުނެވެ. އޭގެ ބަދަލުގައި ފްލިކް ކަންބޮޑުވީ ދެ ދުވަހުން މެޗެއް ކުޅެން ޖެހުމުންނެވެ.
"ކަލޭމެން ބަަލަނީ މެޗުތައް އެކަނިތަ؟. އަހަރެމެން މި ކުޅެނީ އެކި ތަންތަނުގައި. އަދި ބައެއް ފަހަރު މެޗުތަކުގެ މެދުގައި ލިބެނީ އެންމެ ދެ ދުވަސް،" ފްލިކް ބުންޏެވެ.
އެކަމަކު އޭނާ ބުނީ އެއީ މެޗުން ބަލިވުމުގެ އުޒުރެއް ނޫން ކަމަށެވެ.
"ޓީމަށް ވާދަކޮށް މޮޅުވެވޭނީ ދަނޑުން ބޭރުގައިވެސް ކުޅުންތެރިން ރަނގަޅު ނިންމުންތައް ނިންމައިގެން،" އޭނާ ބުންޏެވެ.
އަނެކޮޅުން، މެޗުން މޮޅުވެ، ބާސާއާ ތިން ޕޮއިންޓަށް ފަރަގު ކުޑަކުރެވުމުން ވެސް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޝަކުވާ ނުހުއްޓުނެވެ. އޭނާ ވަނީ މެޗުގެ ވީއޭއާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މެޗުގެ ރެފްރީ ރަނގަޅަށް އިންސާފުކުރި ކަމަށް މޮރީނިއޯ ބުންޏެވެ. ނަމަވެސް ބާސާގެ ޖޮއާއޯ ކެންސެލޯ، ރެއާލގެ ޔާން ޑިއޮމާންޑޭއަށް ކުރި ނުރައްކާތެރި ފައުލަށް ރަތް ކާޑު ނުދެއްކުމުން މޮރީނިއޯ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"ރެފްރީ ކުރިއަށް ގެންދިޔައީ ވަރަށް މޮޅު މެޗެއް. ނަމަވެސް 50 ވަނަ މިނެޓުގައި ވީއޭއާރް އޮތީ ނިދާފައި. ޑިއޮމާންޑޭއަށް ކުރި ފައުލަށް ރަތް ކާޑެއް ދައްކަންޖެހޭ،" މޮރީނިއޯ ބުންޏެވެ.
އެކަމަކު މޮޅާ އެކު ހިތްހަމަޖެހުން ވެސް މޮރީނިއޯ ފާހަގަ ކުރި އެވެ.
އޭނާ ބުނީ ރެއާލްގެ އަމާޒަކީ ހަމައެކަނި ބާސެލޯނާ ބަލިކުރުން ނޫން ކަމަށެވެ.
"ނަމަވެސް މުޅި ލީގު ތަށި ކާމިޔާބުކުރުން،" މޮރީނިއޯ ބުންޏެވެ.
މެޗުގެ ދެވަނަ ހާފުގައި އެޑުއާޑޯ ކަމާވިންގާ ކުޅެން ނެރުމުން ރެއާލްގެ ހަމަލާތައް ވަރުގަދަވެ، މޮޅުވި ލަނޑު ޖެހުމަށް މަގުފަހިވިކަން މޮރީނިއޯ ފާހަގަކުރި އެވެ.