އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އާސެނަލުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު 22 އަހަރަށްފަހު ލީގު ތަށި އުފުލާލުމަށް އާސެނަލުން ކުރަމުންދާ އުންމީދުތައް ވަނީ އިތުރަށް އާވެފަ އެވެ. އެ ޓީމުން އެންމެ ފަހުން އިނގިރޭސި ލީގުގެ ތަށި ހޯދީ 2004 ގަ އެވެ. 

މެޗުން މޮޅުވެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އާސެނަލް ކުރީގައި އޮތް ނަމަވެސް ބިރެއް އެބައޮތެވެ. އެއީ ސިޓީން މެޗު ކުޅެފައި ވަނީ އާސެނަލަށް ވުރެ، ދެ މެޗު މަދުންނެވެ. ލީގުގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

ފުލަމްއާ ދެކޮޅަށް އާސެނަލްގެ ތަރިއަކަށްވީ ދެ ދެ ގޯލު ޖެހި ވިކްޓާ ޔޮކޮރޭޝް އެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ވެސް އޭނާ އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށް ދިނީ އަނިޔާއިން ރަނގަޅުވެ ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބުކާޔޯ ސަކާ އެވެ.

އޭނާގެ މޮޅު ކުޅުމާ އެކު އާސެނަލްގެ ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖަހައި ދިނީ ސަކާ އަމިއްލައަށެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ވިކްޓާ ޔޮކޮރޭޝް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އާސެނަލަށް ތިން ޕޮއިންޓު ކަށަވަރުކޮށް ދީފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މި މެޗުގައި ޒުވާން މިޑްފީލްޑަރު މައިލްސް ލޫވިސް ސްކެލީ އަށް ފުރުސަތު ދިނެވެ. އެ ނިންމުމުގެ ފައިދާ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. މުޅި މެޗު ކަހަލަ ގޮތަކަށް އާސެނަލުން ކޮންޓްރޯލް ކުރި އެވެ. ފުލަމްއަށް އެދެވޭ ހަމަލާއެއް އުފެއްދުމުގެ ފުރުސަތެއް ނުދެ އެވެ.

މިހާރު އާސެނަލަށް ބާކީ އޮތީ ތިން މެޗެވެ. ސިޓީ އަށް ބާކީ ފަސް މެޗެވެ. ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ ގޯލުގެ ތަފާތުންނެވެ. މިވަގުތު ގޯލުގެ ތަފާތުން ވެސް ކުރީގައި އޮތީ އާސެނަލް އެވެ.

ކޯޗު އާޓެޓާ ބުނީ މި ވަގުތަކީ އާސެނަލަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ. 

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 2026 މޭ 2 ވަނަ ދުވަހު އާސެނަލް އާއި ފުލަމް ބައްދަލުކުރި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަށްފަހު، އާސެނަލްގެ ސްޕެއިން ކޯޗު މިކޭލް އާޓެޓާ ސަޕޯޓަރުންނަށް އަތްޖަހަނީ. --- ފޮޓޯ: ބެން ސްޓެންސަލް | އޭއެފްޕީ
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 2026 މޭ 2 ވަނަ ދުވަހު އާސެނަލް އާއި ފުލަމް ބައްދަލުކުރި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަށްފަހު، އާސެނަލްގެ ސްޕެއިން ކޯޗު މިކޭލް އާޓެޓާ ސަޕޯޓަރުންނަށް އަތްޖަހަނީ. --- ފޮޓޯ: ބެން ސްޓެންސަލް | އޭއެފްޕީ

"މި ނާޒުކު ދަނޑިވަޅުގައި ކުޅުންތެރިންގެ އިހުސާސްތައް ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އާޓެޓާ ބުންޏެވެ.

ސިޓީން މަދުން މެޗު ކުޅެފައި އޮތަސް އެ ޓީމަށް ހިތްހަމަޖައްސާލައިގެން ނޯވެވޭނެ ކަމަށް އާޓެޓާ ބުންޏެވެ. 

ލީގުގެ އިތުރުން އާސެނަލުން ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގަށެވެ. މެޑްރިޑްގައި ކުޅުނު  ފުރަތަމަ ލެގު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ސަކާ ބަދަލުކުރީ ވެސް އަންގާރަ ދުވަހު ކުޅޭ އެ މެޗަށް އޭނާ ތައްޔާރުކުރުމުގެ ގޮތުންނެވެ.