މެޗުތަކުން މޮޅުވުމަކީ ސަޕޯޓަރުން ބޭނުންވާނެ ނަތީޖާ ކަމަށް ވިޔަސް، ކޯޗެއްގެ ހަގީގީ ޒިންމާއަކީ ކުޅުންތެރިންގެ ވިސްނުމާއި ހުނަރު ތަރައްގީކޮށް ކުރިއެރުވުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.

މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމަށް އެދެވޭ ނަތީޖާއެއް ހޯދައި ނުދެވުމުން އުރްބާނީ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.  އަމިއްލަ ގައުމުގައި މުބާރާތް ކުޅެ ރާއްޖޭން ނިންމާލީ ގުރޫޕްގެ ފުލުންނެވެ. 

މިއި ރާއްޖޭގައި އޭނާ މަސައްކަތް ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމާ އެކު ކާމިޔާބު ހޯދި އުރްބާނީ ބުނީ ކޯޗެއްގެ ކާމިޔާބު މިނެކިރަން ވާނީ ހަމައެކަނި މެޗުތަކުން ލިބޭ ނަތީޖާއަކުން ނޫން ކަމަށެވެ. 

"އަހަރެން ވެސް ގަބޫލު ކުރަން ސަޕޯޓަރުން ބަލާނީ ނަތީޖާއަށް. އެކަމަކު އަހަރެން ދެކޭ ގޮތުގައި ކޯޗެއްގެ މަސައްކަތަކީ ކުޅުންތެރިންނަށް ކުރާ ރަނަގަޅެއް އަސަރެއް ފޯރުވައި އެމީހުން ބިނާކޮށް ކުރިއެރުން ހޯދައި ދިނުން،" އުރްބާނީ ބުންޏެވެ. 

އުރްބާނީ ބުނި ގޮތުގައި، އޭނާގެ އަމާޒަކީ ފުޓްބޯޅަ ކުޅެން ޖެހޭ ގޮތާ މެދު ކުޅުންތެރިންގެ ވިސްނުން  ބަދަލުކޮށްދީ، ކުރިން ނުކުރެވޭނެ ކަމަށް ހީކުރި ކަންތައްތައް ކުޅުންތެރިން ލައްވާ ކުރުވުމެވެ. ބޭރުން ބަލާ މީހުންނަށް ނަތީޖާ ފެނުނަސް، ޓީމުގެ އެތެރޭގައި ކުޅުންތެރިންނަށް އަންނަ ބަދަލާއި ކުރިއެރުން އެކުޅުންތެރިންނަށް އިހުސާސް ވާނެކަން އޭނާ ޔަގީންކޮށްދިނެވެ.

"އަހަރެމެން މިތިބީ ހަމައެކަނި ކުރު މުއްދަތެއްގެ ނަތީޖާއެއް ހޯދާކަށް ނޫން. އަހަރެމެން މި މަސައްކަތް ކުރަނީ ކޮންމެ ތަނެއްގައި ކުޅުނަސް އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ ފަދަ ވިސްނުން ތޫނު ކުޅުންތެރިންތަކެއް ބިނާކުރަން،" އޭނާ ބުންޏެވެ. 

 އޭނާ ދެން ބުނީ މިހާރުވެސް ޓީމުގެ ތެރެއިން އެ ބަދަލުތައް ފެންނަން ފަށާފައިވާ ކަމަށެވެ.

އޭނާގެ ބެލުމުގެދަށުން ސީނިއާ ޓީމުން މާދަމާ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެ އެވެ. އެއީ ތިންވަނަ ފަހަރު ރާއްޖޭގެ ކޯޗު ކަމާ ހަވާލުވެ ސީނިއާ ޓީމާ އެކު އޭނާ ނުކުންނަ ފުރަތަމަ މެޗެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ އެ މެޗު އޮންނާނީ މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.