ނިސްބަތުން ދޮށީ ކުޅުންތެރިން ގިނަ ސްކޮޑެއް ސީނިއާ ގައުމީ ޓީމަށް ނެގި ސަބަބު ކޯޗު އިސްތުވާން އުރްބާނީ ކިޔައި ދީފި އެވެ.
ތިންވަނަ ފަހަރަށް ރާއްޖޭގެ މަގާމާ ހަވާލުވި އުރްބާނީގެ ކޯޗުކަމުގެ ދަށުން ސީނިއާ ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ފަހު އެ މެޗަށް އުރްބާނީ ނެގި ސްކޮޑްގެ އުމުރުގެ ނިސްބަތަކީ 32 އަހަރެވެ.
މިއީ ގާތްގަނޑަކަށް ހަތް އަހަރަށް ފަހު ނިސްބަތުން މިހާ ދޮށީ ސްކޮޑެއް ގައުމީ ޓީމުގައި ހިމެނި ފުރަތަމަ ފަހަރެވެ. ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ތިބި ބައެއް ކުޅުންތެރިން އުރްބާނީ ވަނީ ޓީމަށް ނަގައިފަ އެވެ. ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ މީގެ ކުރިން ވެސް އުރްބާނީގެ ކޯޗުކަމުގެ ދަށުން ކުޅުނު ކުޅުންތެރިންނެވެ.
ގައުމީ ސްކޮޑުގައި އުމުރުން ދޮށީ ކުޅުންތެރިން ގިނަވުމާ ގުޅޭގޮތުން އުރުބާނީ ބުނީ، އޭނާގެ ކުރީގެ ދައުރުގައި ކުޅުނު ކުޅުންތެރިން މިފަހަރު ނެގީ ވަރަށް މުހިންމު ބޭނުމަކު ކަމަށެވެ.
އުރްބާނީ ބުނިގޮތުގައި އޭނާ ތަންފީޒުކުރަން ބޭނުންވާ ގޭމް ފިލޯސަފީ އާއި އޭނާގެ ސްޓައިލް މިހާރުގެ ޖީލަށް ތިލަކޮށްދޭނީ ކުރިން އޭނާއާ އެކު މަސައްކަތް ކުރި ތަޖުރިބާކާރު ކުޅުންތެރިންނެވެ. އޭނާ ބުނީ ތަޖުރިބާކާރު ކުޅުންތެރިން ބޭނުންކޮށްގެން އާ ޖީލަށް ކަންކަން ދަސްކޮށްދޭން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުންވީ އަހަރެންގެ ސްޓައިލާއި، އަހަރެން ކަންކަން ކުރަން ބޭނުންވާ ގޮތް އާ ޖީލަށް ބުނެދޭން. އެ ކުޅުންތެރިންނަށް އަހަރެންގެ މަސައްކަތްތަކާ ބެހޭގޮތުން މީހަކު ކިޔައިދީފައިވާ އެއްޗަކަށްވުރެ ބޮޑަށް އަމަލީގޮތުން އެކަންކަން ތަޖުރިބާކުރި (މިހާރުގެ ސީނިއާ) ކުޅުންތެރިން ދަނޑުމަތީގައި ތިބެގެން މިހާރުގެ ޖީލުގެ ކުޅުންތެރިންނަށް އެކަންކަން ދައްކައި ދިނުމުގައި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަން އަހަރެން ބޭނުންވޭ،" އުރުބާނީ ބުންޏެވެ.
މިއީ މި މަހު އުރްބާނީ ދިވެހި ޓީމުތައް ގޮވައިގެން ނުކުންނަ ހަ ވަނަ މެޗެވެ. މީގެ ކުރިން އޭނާ ވަނީ 20 އަހަރުންދަށުގެ ގައުމީ ޓީމު ގޮވައިގެން ފަސް މެޗަށް މި މަހު ނުކުމެފަ އެވެ. އެއީ ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ތިން މެޗާއި އެ މުބާރާތަށް ތައްޔާރުވާން ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު ދެ މެޗު ވެސް ހިމަނައިގެންނެވެ.
މިދިޔަ މުއްދަތުގައި ޖުމްލަ 60 އެއްހާ ކުޅުންތެރިންގެ ކުޅުން ވަރަށް ގާތުން ބަލާލުމުގެ ފުރުސަތު ލިބުނު ކަމަށް އުރްބާނީ ބުންޏެވެ. އޭގެ ސަބަބުން އާ ކުޅުންތެރިން ހޯދުމަށް މުހިންމު މަސައްކަތެއް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ސީނިއާ ޓީމަށް، 20 އަހަރުންދަށުގެ އެއްވެސް ކުޅުންތެރިޔަކު އޭނާ ނުނަގަ އެވެ. ވިހި އަހަރުންދަށުގެ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނާއި އީތަން އިބްރާހިމް ޒަކީ އާއި އަހްޒަމް ރަޝީދު، މީގެ ކުރިން ވަނީ ސީނިއާ ޓީމުގައި ހިމެނިފަ އެވެ. އެކަމަކު އުރްބާނީ ނިންމީ މިފަހަރު ސީނިއާ ޓީމަށް އެ ކުޅުންތެރިން ނުނެގުމަށެވެ.
"މުބާރާތުގެ ކުރިން ވެސް އަހަރެން ނިންމައިގެން ހުރީ އެގޮތަށް. އެކަމަކު ފޯ ނޭޝަންސް ކަޕްގައި 20 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދޭނަން،" އުރްބާނީ ބުންޏެވެ.
ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ޑައިމަންޑް ޖުބިލީގެ ނަމުގައި އިންޓަނޭޝަނަލް މުބާރާތެއް މާލޭގައި ކުޅުމަށް އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ. އެހެން ތިން ގައުމަކަށް ދައުވަތުދީގެން ބާއްވާ މުބާރާތް އޮންނާނީ ޖޫން މަހު ކުރީކޮޅު އެވެ.