ޖޫން، ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ހޯސްޓްކުރާ އެމެރިކާގެ ސިޓީތަކުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދޭ ފެޑެރަލް ފަންޑު ދޫކުރަން ނިންމައިފި އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އިން ދޫކުރުމަށް ހަމަޖެހިފައިވާ ފަންޑުގެ އިންތިޒާރުގައި ސިޓީތަކުން ތިބޭތާ ވަރަށް ދުވަސްވެއްޖެ އެވެ. އެ ފަންޑު ދޫކުރުން ލަސްވުމުން އެކަމުގެ ކަންބޮޑުވުންތައް ވެސް އެމެރިކާގައި ހަރަކާތްތެރިވާ އޮގަނައިޒިން ޓީމުގެ މެންބަރުން ފާޅުކުރި އެވެ.

އިޒްރޭލާ އެކު ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވެސް ވަދެފައިވާ ދަނޑިވަޅެއްގައި، މި ފަންޑު މިހާރު ވަނީ ދޫކުރަން ނިންމައިފައެވެ. އެމެރިކާގެ 11 ސިޓީއެއްގައި ވޯލްޑް ކަޕް ކުރިއަށްދާނެ އެވެ.

ޖުމުލަ 625 މިލިއަން ޑޮލަރުގެ މި ފަންޑު ބަހާލާނީ އެމެރިކާގެ 11 ސިޓީގެ މެދުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހު، މި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމާފަ އެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިޓީތަކަށް ފައިސާ ލިބެން ފަށާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ކޮންގްރެސްއިން (އެމެރިކާގެ ރައްޔިތުންގެ މަޖިލީހުން) ބައެއް މަރުހަލާތައް ފުރިހަމަކުރަން ޖެހޭތީ، ފައިސާ އަތަށް އަރާނެ ސީދާ ތާރީޚެއް އަދިވެސް މުޅިން ސާފެއް ނުވެ އެވެ.

މި ފައިސާ ދޫކުރުން ލަސްވުމާ ގުޅިގެން މުބާރާތް ބާއްވާ އެކި ސިޓީތަކުގެ އޮފިޝަލުން ވަނީ އެކަށީގެންވާ ވަގުތު އޮއްވައި މި އެހީ ނުލިބިއްޖެނަމަ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެފަ އެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ކުރަންޖެހޭ މަސައްކަތަށް ބުރޫއަރައި، ބައެއް ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތައް ކެންސަލްކުރަން ޖެހިދާނެކަމުގެ އިންޒާރު ވެސް ކުރިން އޮތީ ދީފަ އެވެ.

ހާއްސަކޮށް މިއާމީއާއި ކެންސަސް ސިޓީ ފަދަ ބޮޑެތި ސިޓީތަކުގެ އޮގަނައިޒިން ކޮމިޓީތަކުގެ އޮފިޝަލުން ވަނީ މުބާރާތް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވުމުން، ސެކިއުރިޓީ ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ނުލިބުމަކީ މުޅި މުބާރާތުގެ އިންތިޒާމުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެފަ އެވެ.

ޖުމުލަ 48 ޓީމު ވާދަކުރާ މުބާރާތް އެމެރިކާއާ އެކުއެކީގައި ދެން ބާއްވާނީ މެކްސިކޯ އަދި ކެނެޑާގައެވެ. މުޅި މުބާރާތުގެ ސަލާމަތީ ކަންކަމަށް އެއް ބިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ.