މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިރާން ވާދަކުރުމާއި އެމެރިކާގައި އެ ގައުމުގެ މެޗުތައް ކުޅުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައާ ގުޅިގެން، ކެނެޑާ އާއި މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު ވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.

ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި އިރާނުން ކުޅޭ ތިން މެޗުން ވެސް ކުޅޭނީ އެމެރިކާގެ ފަސްގަނޑުގަ އެވެ. އެމެރިކާގައި އިރާނުގެ ކުޅުންތެރިންނަށް ރައްކާތެރިކަމާ މެދު ޔަގީންކަން ނެތުމުން އިރާނުގެ މެޗުތައް މެކްސިކޯ އަށް ބަދަލުކޮށް ދިނުމަށް ވެސް އިރާނުން އެދުނެވެ. ނަމަވެސް ފީފާއިން އެގޮތަކަށް ކަންތައްކޮށެއް ނުދިނެވެ.

އިއްޔެ ކެނެޑާގައި ބޭއްވި ފީފާގެ 76 ވަނަ ކޮންގްރެސްގައި ވާހަކަދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ އިރާންގެ ބައިވެރިވުން ކަށަވަރު ކޮށްދެއްވާފަ އެވެ.

"އެންމެ ފުރަތަމަ ވެސް އަޅުގަނޑު ބޭނުންވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިރާން ބައިވެރިވާނެކަން ކަށަވަރު ކޮށްދޭން. އަދި ހަމަގައިމުވެސް، އިރާން ކުޅޭނީ އެމެރިކާގައި،" އިންފަންޓީނޯ ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިންފަންޓީނޯގެ ނިންމުމަށް ތާއީދު ކުރައްވާފަ އެވެ.

"ޖިއާނީ އެހެން ބުނެފި ކަމަށްވާނަމަ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް . އެކަން ތިޔަ ސާފު ވީނު؟ އެމީހުން ކުޅުނަދީ،" ޓްރަމްޕް ވިދާޅުވި އެވެ. 

ވޯލްޑް ކަޕްގައި އިރާން ހިމެނެނީ ނިއުޒީލަންޑާއި، ބެލްޖިއަމް އަދި މިސްރުގްރޫޕް ޖީ ގަ އެވެ. އިރާންގެ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނުކުންނާނީ ނިއުޒީލަންޑާ ދެކޮޅަށެވެ. އެ ގައުމުގެ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ އެރިޒޯނާގެ ޓޫސަންގަ އެވެ.

ކެނެޑާގެ އިމިގްރޭޝަން އޮފިޝަލުންނާ، އިރާނުގެ ފުޓްބޯޅަ އިދާރާގެ ރައީސް މަހްދީ ތާޖު އަށް، ކެނެޑާ އަށް އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާ ވަނީ ފީފާ ކޮންގްރެސްގައި ބައިވެރި ނުވެ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.

ކެނެޑާއިން ވަނީ އިރާންގެ އައި.އާރު.ޖީ.ސީ އާ ގުޅުންހުރި މީހުން އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ. މަހްދީ ތާޖު ވަނީ އިރާނުގެ އެ އަސްކަރީ ގޮފީގެ އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފަ އެވެ.