ރާއްޖެ ސުޕަ ލީގަށް ތައްޔާރުވުމުގެ މަސައްކަތަށް މިދިޔަ މަހެއްހާ ދުވަހު އަދީލު (ބޭބެ) ހުސްވެގެން ހުރީ އޭނާގެ ހިތް އެ ކުޅިވަރަކާ ގުޅިފައިވާ ވޮލީން އަނެއްކާވެސް އިތުރު މުބާރާތެއްގެ ތަށި ހޯދުމަށެވެ. ވީއޭއެމުން މުޅިން އަލަށް ފެށި މުބާރާތުގެ ތަށި އޭނާގެ ކޯޗުކަމުގެދަށުން ލ. މާބައިދޫ ޓީމަށް ހޯދައިދެވުމުން އުފާވެރިކަން އިހްސާސް ކުރެވެ އެވެ. 

އެކަމަކު އޭނާގެ ހަށިގަނޑުން ބައެއް އުނިވެގެން ދިޔަ ކަމުގެ އިހްސާސް އޭނާ އަށް ކުރެވުނީ މަހެއްހާ ދުވަހުގެ އެ މުއްދަތުގައި އޭނާގެ ކޮއްކޮ އާއި ބައްޕަ މަރުވުމުންނެވެ. އަދީލްގެ ކޮއްކޮ އަދި ކުރީގެ ވޮލީ ކުޅުންތެރިޔާ އިބްރާހިމް އާދިލް (ކޮއްކޮ) ނިޔާވީ މިދިޔަ މަހު 21 ގަ އެވެ. އެ މަރަށް ތިން ހަފުތާ ނުވަނީސް އަދީލްގެ ބައްޕަ މޫސާ މަނިކު މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި އެވެ. 

ވޮލީގައި ކުރިއަށްދިއުމަށް އަދީލާއި އާދިލަށް އެންމެ ބޮޑު ހިތްވަރެއް ދިނީ އޭނާގެ ބައްޕަ އެވެ. ކުޅުނު ދުވަސްވަރު ވެސް ދެބެން ކުޅޭ މެޗުތައް ބަލަން ބައްޕަ ދުރުވާކަމަށް އަދީލް ބުންޏެވެ. ފަހުން އޭނާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން ޓީވީ އެ މެޗުތައް ބަލާ ހަދާކަމަށް އޭނާ ބުންޏެވެ.

"ކޮއްކޮއާ ދެ މީހުން ދެ ޓީމަކަށް ކުޅެން އުޅެފިނަމަ ވެސް ބައްޕަ ވެސް އަދި މަންމަ ވެސް ބުނާނެ. ބައްޕަމެންނަށް ރަނގަޅި ދެބެއިން އެއް ޓީމަކަށް ކުޅުނީމައޭ. އެހެންވެ ގިނަ ފަހަރަށް ކޮއްކޮއާ ދެ މީހުން އެއްޓީމަކަށް ކުޅެނީ. ވަރަށް މަދު ފަހަރެއްގައި ދެ މީހުން ދެ ޓީމަކަށް ކުޅެފަ ހުންނާނީ،" ކުރިން ވެލެންސިއާ އަށް ކުޅުނު އަދީލް ބުންޏެވެ. 

"ކޯޗުކަން ކުރަން ފެށީމަ ވެސް ބައްޕަ އަހާލާނެ މެޗުތަކާ ބެހޭގޮތުން." 

ކާމިޔާބަށް ފަހު އަދީލް ޝުކުރުގެ ސަޖިދައަށް ތިރިވެ --- ފޮޓޯ: ވީއޭއެމް
ކާމިޔާބަށް ފަހު އަދީލް ޝުކުރުގެ ސަޖިދައަށް ތިރިވެ --- ފޮޓޯ: ވީއޭއެމް

އޭނާގެ މަސައްކަތާ މެދު ބައްޕަ ސުވާލުކުރަން ޝައުގުވެރިވުމަކީ ވެސް އަދީލަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އެ މަސައްކަތުގައި ދެމިހުންނަށް ލިބުނު ހިތްވަރަކަށް ވެސް އެކަން ވެއެވެ.

ސުޕަ ލީގުގެ ފުރަތަމަ ތަށި ހޯދި ކޯޗުގެ ޝަރަފާ އެކު އަދީލް އެ ކާމިޔާބުހާއްސަކުރަނީ ބައްޕަ އާއި ކޮއްކޮ އަށެވެ. 

އޭނާ ބުނީ ތަށި ލިބުމުން، އޭނާގެ ބައްޕަ އާއި ކޮއްކޮގެ މަރުގެ ހަނދާންތައް ވެރިވި ކަމަށެވެ. 

"އެހެންވެ ވިސްނައިގެން ހުރީ ބައްޕަ އާއި ކޮއްކޮ އަށް މި ތަށި ޑެޑިކޭޓްކޮށްފަ، އެފްބީ [ފޭސްބުކް] ގައި ޕޯސްޓްކުރަން،" އަދީލް ބުންޏެވެ. 

މި ތަށި މާބައިދޫގެ ރައްޔިތުންނަށާއި އެ ޓީމުގެ ކުޅުންތެރިންނަށް ހާއްސަވާ ފަދައިން، އަދީލަށް މި ތަށި ހާއްސަ އެވެ. އެ މަސައްކަތަށް އޭނާ ހުސްވެގެން ހުރި މުއްދަތުގައި އޭނާގެ އެންމެ ގާތް ދެ މީހުން ކައިކަރީގައި މަރުވެގެން ދިއުމަކީ އޭނާ އަށް ލިބުނު ފުން ހިތާމައެކެވެ