ފައިނަލުގައި ލ. ގަން ބަލިކޮށް ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫން ހޯދައިފި އެވެ. 

ސިޓީތަކާއި ރަށްތަކަށް ހުޅުވާލައިގެން ވީއޭއެމުން މުޅިން އަލަށް ބާއްވަން ފެށި މުބާރާތުގައި އަށް ޓީމު ވާދަކުރި އެވެ. އެއީ ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ދެ ސިޓީ އާއި ހަ ރަށަކުންނެވެ. 

ސުޕަ ލީގުގެ ފުރަތަމަ މުބާރާތް ވީއޭއެމުން ހާއްސަ ކުރީ އަންހެން ޑިވިޝަނަށެވެ. 

މުބާރާތުގެ ފައިނަލަށް މާބައިދުއާއި ގަން ދަތުރު ކުރީ ށ. ފުނަދުއާއި ކ. ހުރާ ބަލިކުރުމަށް ފަހު އެވެ. 

ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ފައިނަލު މެޗުގައި މާބައިދޫގެ ސަޕޯޓަރުން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ފައިނަލު މެޗުގައި މާބައިދޫގެ ސަޕޯޓަރުން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލު މެޗުގެ ވާދަވެރިކަން ލ. އަތޮޅުގެ މި ދެ ޓީމުގެ ދެމެދުގައި ބޮޑުވި އެވެ. މާބައިދޫން މެޗު ކާމިޔާބު ކުރީ ފަސް ސެޓަށް ކުޅެގެންނެވެ. 

ފުރަތަމަ ސެޓް 25-21 ން ގަމުން ކާމިޔާބު ކުރި އެވެ. އެކަމަކު ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ޖޫޒާން ޒަރީރު މުހިންމު ދައުރެއްއަދާކުރި މާބައިދޫ ޓީމުން ދެވަނަ ސެޓް، 25-17 އިން ކާމިޔާބު ކުރި އެވެ. 

މެޗު އިތުރަށް ފޯރިގަދަވީ 25-20 ގަމުން ތިންވަނަ ސެޓް ކާމިޔާބު ކުރުމުންނެވެ. ދެން ވިދިވިދިގެން އައި ދެ ސެޓް، 26-24 އަދި 15-12 އިން މާބައިދޫން ގެންގޮސް ތަށި ކަށަވަރު ކުރި އެވެ. 

މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އިއްޔެ ހަވީރު، ށ. ފުނަދުއާ ދެކޮޅަށް ކުޅެ ކ. ހުރައިން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. 

މުބާރާތުގެ ތިންވަނަ ހޯދި ހުރާ ޓީމުގެ ކުޅުންތެރިން، ފުނަދުއާ ދެކޮޅަށް ކުޅުނު މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: ވީއޭއެމް
މުބާރާތުގެ ތިންވަނަ ހޯދި ހުރާ ޓީމުގެ ކުޅުންތެރިން، ފުނަދުއާ ދެކޮޅަށް ކުޅުނު މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: ވީއޭއެމް

ފުރަތަމަ ދެ ސެޓް ހުރައިން، 26-24، 25-23 އިން ހޯދުމުން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު ތިންވަނަ ސެޓް ފުނަދޫން ކާމިޔާބުކޮށް މެޗު އިތުރަށް ވާންވި އެވެ. އެ ސެޓާއި ދެން ވިދިގެން އައި ސެޓް ފުނަދޫން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ދެ ސެޓް ފުނަދޫ ޓީމުން ކާމިޔާބު ކުރީ 25-16 އަދި 25-22 ންނެވެ. 

ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ ރަށެއްގެ ގޮތުގައި މަޝްހުރުވި ހުރައިން، އޮތީ ފުނަދުއަށް ދޫދޭގޮތަކަށް ނޫނެވެ. ފަސްވަނަ ސެޓް 15-13 އިން ކާމިޔާބުކޮށް ރާއްޖެ ސުޕަލީގުގެ ތިންވަނަ އެ ރަށު ޓީމުން ކާމިޔާބު ކުރި އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޫޒާނެވެ. އެންމެ މޮޅު ސެޓަރަކީ ވެސް އޭނާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުރާގެ އާއިޝަތު ޔުމްނު ޝާހިދެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ ޗެމްޕިއަން މާބައިދޫގެ ކޯޗު އަހްމަދު އަދީލް (ބޭބެ) އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖޫޒާން ޒަރީރު، ތައްޓާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖޫޒާން ޒަރީރު، ތައްޓާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް ހިޓާގެ މަގާމުތައް ހޯދީ މާބައިދޫގެ އާމިނަތު އަރީޝާ އާއި ށ. ފުނަދޫގެ އާމިނަތު ޝަހާ ޝާމިން އެވެ. އެންމެ މޮޅު މިޑްލްބްލޮކާގެ އެވޯޑްތައް ގެންދިޔައީ މާބައިދޫގެ އާމިނަތު މާނާ އާއި ގަމުގެ ހައްވާ ނާޒިމާ އެވެ.

އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ މަގާމު ހޯދީ ގަމު ޓީމުގެ ހައްވާ ރާޝިދާ އެވެ. އެންމެ ލިބަރާ ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ހުރާގެ މާސާ ފާރޫގެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ ގަމު ޓީމަށް ކުޅުނު ތައިލެންޑްގެ މިންގްވަން ވިފާޑާ އެވެ.