އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ހަރަދެއް ކުރާ ގޮތަށް ސްޕެޝަލް އެޑިޔުކޭޝަން (ސެން) ޓީޗަރުން ތަމްރީނު ކުރާ ކޯހެއް ހިންގަން އެމްއެންޔޫއާއެކު ސޮއި ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޔުނިވާސިޓީއާއެކު ސޮއި ކުރީ ސެން ޓީޗަރުން ތަމްރީނު ކުރާ ޑިޕްލޮމާ ކޯހެއް ހިންގުމަށް ކަމަށެވެ.

އެއީ ބޯޑާ ނޭޝަނަލް ޓީޗާސް ޓްރެއިނިން އިނީޝިއޭޓިވްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީވުމަށް ހިންގާ ކޯހެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ކޯހުގެ ހުރިހާ ހަރަދެއް މިނިސްޓްރީން ކުރާއިރު އެ ކޯސް ހަދާ ކޮންމެ ދަރިވަރަކަށް ކޮންމެ މަހަކު ސްޓައިޕެންޑްގެ ގޮތުގައި 1500ރ. ގެ އެލަވަންސެއް ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމްސްކޫލިން ނުވަތަ ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމާ އެކު، އޯލްވެލް އިމްތިހާނުގައި ބައިވެރިވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު ވިދާޅުވެފައި އެވެ.

އަދި ހުރިހާ ސްކޫލްތަކެއް ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަވާ ގޮތަށް ހެދުމާއި ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާކަން ވެސް ރައީސް ވަނީ އެ ދުވަހު އިއުލާން ކުރައްވައިފަ އެވެ.