ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެެއްގައި އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އަންހެން ޓީޗަރަކު އެ ދަރިވަރަށް އަނިޔާ ކުރިކަން މިނިސްޓްރީއަށް ހުށަހެޅީ ސްކޫލުންނެވެ.
މިއަދު މެންދުރު ފަހު ހިނގި އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
އެހެންވެ އެ މައްސަލަ ސްކޫލުގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން ޕޮލިހަށް މައްސަލަ ހުށަހަޅައިފައިވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
"މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ދަރިވަރުންނަށް އަނިޔާ ކޮށްގެން މީގެ ކުރިން ވެސް ޓީޗަރުން ސަސްޕެންޑް ކޮށްފައި ވެ އެވެ.