މޮރޮކޯއިން ކަނޑާއި އެއްގަމު ބޯޑަރު ހުރަސްކޮށް، ސްޕެއިންގެ ސޭއުޓާއަށް ދެ ތިން ދުވަސް ތެރޭ ބައި ލައްކައަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ވަދެފައި ވާއިރު އޭގެ ތެރެއިން 48،000 އަށް ވުރެ ގިނަ މީހުން މިހާރު އަނބުރާ މޮރޮކޯއަށް ގޮސްފައިވާ ކަމަށް ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ހުކުރު ދުވަހު ބުނެފި އެވެ.
އިންޓީރިއާ މިނިސްޓްރީން އޭއެފްޕީއަށް ފޮނުވި މެސެޖެއްގައި ބުނީ ހުކުރު ދުވަހުގެ މެންދުރު ފަހު 6:00 އާ ހަމައަށް (ޖީއެމްޓީން 1600) 48،300 މީހުން އެނބުރި ގޮސްފައިވާ ކަމަށެވެ.
ސޭޓުއާގެ އާބާދީ އަކީ 84،000 ކަމަށް ވާއިރު މި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މީހުން ކުއްލިއަކަށް އެ ސަރަހައްދަށް ވަނުމުން ބޮޑު ހާސްކަމެއް ވަނީ އުފެދިފަ އެވެ. އަދި ބޯޑަރު ނުބެލެހެއްޓޭ ކަމަށް ބުނެ ޔޫރަޕްގެ އެހެން ގައުމުތަކުގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
ސްޕެއިންގެ މައި ބިން ނުވަތަ މެއިންލޭންޑާ މުޅިން ވަކިން، އެކަމަކު އެ ގައުމުގެ ބާރުގެ ދަށުގައި އޮންނަ ސޭއުޓާ އަދި މެލީޔާ އަކީ މޮރޮކޯގެ މެއިން ލޭންޑުގެ ސްޕެއިނާ ދިމާލުން އެއްކޮޅެވެ.
މޮރޮކޯއާ ބޯޑަރު ހިއްސާކުރާ، އެފްރިކާ ބައްރުގައިވާ މި ދެ ސިޓީ އާއި ޔޫރަޕް ބައްރުގައިވާ ސްޕެއިންގެ މައި ބިން ވަކިކޮށްދެނީ މެޑިޓަރޭނިއަން ކަނޑާއި ސްޓްރެއިޓް އޮފް ޖިބްރޯލްޓާ އިންނެވެ. މީގެ އިތުރުން މޮރޮކޯގެ އަތިރިމައްޗާ ކައިރީގައިވާ ބައެއް ކުދި ރަށްތައް ވެސް އޮންނަނީ ސްޕެއިންގެ ވެރިކަމުގެ ދަށުގަ އެވެ. މި ތަންތަނުގެ މިލްކުވެރިކަމާ މެދު ވެސް ބަހުސް އޮވެ އެވެ.
ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެނބިގެން އަދި ފިތިގެން މަދުވެގެން 19 މީހަކު މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.
ރެފިއުޖީންގެ ގޮތުގައި ވަން މީހުންގެ ތެރޭގައި ގިނައީ މޮރޮކޯގެ ޒުވާން ފިރިހެނުންނެވެ. އަދި 7،000 އެއްހާ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
ސޭއުޓާގެ ރެފިއުޖީން ބައިތިއްބާ މަރުކަޒުތައް މި އެންމެންނާ އެކު ވަނީ ފުރިފަ އެވެ. އެހެންވެ އެތައް ހާސް ބަޔަކު މަގުމަތީގަ އާއި ޕާކުތަކުގައި ނިދަމުން ދިޔަ އެވެ. އަދި ހިނގި ހަމަނުޖެހުންތަކުގައި ބައެއް ވެހިކަލްތަކާއި މުދަލަށް ވަނީ ގެއްލުން ވެސް ދީފަ އެވެ.
ހާލަތު ގޯސްވެ އެންމެ ފަހުން ދެ ގައުމުގެ ސިފައިން ނެރެ މިހާރު ވަނީ މީހުން ހުއްޓުވައިފަ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި މިހާ ގިނަ ބަޔަކު ވަދެގަތީ ސްޕެއިންގެ ސުޕްރީމް ކޯޓުން ކުރި ހުކުމެއްގެ ސަބަބުންނެވެ. ދާދިފަހުން ކުރި އެ ހުކުމް ބުނާގޮތުން ކަނޑުމަތިން އަތުލައިގަންނަ ރެފިއުޖީން ވަގުތުން ފޮނުވައެއް ނުލެވޭނެ އެވެ. އެ މީހުން ފޮނުވާލުމުގެ ކުރިން ވަރަށް ގިނަ މަރުހަލާތައް ފުރިހަމަކުރަން ޖެހެ އެވެ.