މޮރޮކޯއިން ކަނޑާއި އެއްގަމު ބޯޑަރު ހުރަސްކޮށް، ސްޕެއިންގެ ސޭއުޓާއަށް އެތައް ހާސް ބަޔަކު ވަދެގަންނަން އުޅުމުގެ ތެރޭގައި ހިނގި އެކި ހާދިސާތަކުގައި މަދުވެގެން 72 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. 

ސްޕެއިންގެ މެއިން ލޭންޑާ ވަކިން، މޮރޮކޯއާ އިންވެގެން އޮންނަ (ސްޕެއިންގެ އުތުރު އެފްރިކާ) ސަރަހައްދު ކަމަށްވާ ސޭއުޓާއަށް ދެތިން ދުވަސް ތެރޭ 60،000 މީހަކު ރެފިއުޖީންގެ ގޮތުގައި ވަދެގެންފައިވާ ކަމަށް ބެލެވޭއިރު މީގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އަނބުރާ ފޮނުވާލާފައި ކަމަށް އޮފިޝަލުން ބުނެ އެވެ.

މިއީ ތާރީހުގައި ވެސް ސްޕެއިނަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. 

"އަޅުގަނޑުމެންނަށް އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު މަރުވި މީހުންގެ އަދަދަކީ 72،" މަރުވި މީހުންގެ އަދަދާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ސޭއުޓާގައި ހުންނަވާ ސްޕެއިން ސަރުކާރުގެ މަންދޫބު މިގޭލް އެންޖެލް ޕެރޭޒް ޓްރިއާނޯ ވިދާޅުވި އެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިވަނީ 67 މީހުން މަރުވި ކަމަށެވެ.

ބުދަ ދުވަހާއި ހުކުރު ދުވަހާ ދެމެދު ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން އެތެރެވުމަށްފަހު، ސޭއުޓާގެ އާންމު ހާލަތު ހަމަޔަކަށް އެޅެމުންދާއިރު، އާދީއްތަ ދުވަހު ސްޕެއިންގެ ފުލުހުންނާއި އަސްކަރިއްޔާއިން ވަނީ މަގުމަތި ބަލަހައްޓަން ފަށައިފަ އެވެ.

އިމުގެ ކުޑަ ފެންސެން ހުރަސްކޮށް ވަން ގިނަ މީހުން 48 ގަޑިއިރުގެ ތެރޭގައި އަމިއްލައަށް އަނބުރާ މޮރޮކޯއަށް ގޮސްފައިވާއިރު، މިހާރު މަގުމަތުން ފެންނަނީ އެގޮތަށް ވަން މަދު ބައެކެވެ. 

ހޮނިހިރު ދުވަހު އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ، ސޭއުޓާގެ ބޭނުންނުކުރާ އިންޑަސްޓްރިއަލް ޕާކެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން އުޅެނިކޮށް ފެނިފަ އެވެ. އަދި ބައެއް ކުދިން ބޭރުގެ ދުވާރާއި މަގުމަތީގައި ނިދާފައި ތިއްބެވެ.

"މިތަނުގައި ތިބި އެންމެންވެސް ބޭނުންވަނީ (ސްޕެއިންގެ މައި) ގައުމަށް ދާން،" އެތަނުގައި ތިބި މޮރޮކޯގެ ބޮޑެތި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 41 އަހަރުގެ އަޒީޒް ދަބްޗް ބުންޏެވެ.

މި އެންކްލޭވްއަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަން ހާދިސާއާ އެކު ސްޕެއިނަށް ބައިނަލްއަގުވާމީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވެފައިވާއިރު، ޔޫރަޕްގެ ބައިވެރިން ވަނީ އެ ގައުމުގެ އިމިގްރޭޝަން ސިޔާސަތުތަކަށް ފާޑުކިޔައިފަ އެވެ.