ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ލިބިގެންދިއުމަކީ މި ޓީމު އިތުރަށް ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
ނޭޕާލުގެ ޕޮކަހާރާގައި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުރިއަށްދިޔަ މި އަހަރުގެ ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި އިންޑިއާ އާއި ނޭޕާލުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެހެންވެ ލޯ މެޑެއްޔަށް ވާދަކުރީ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތް ރާއްޖެ އާއި ލަންކާ އެވެ. އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާގެ ގޯލްތަކުން ލަންކާ 2-1 އިން ބަލިކޮށް ރާއްޖޭން ލޯ މެޑަލް މި ހޯދީ ތިން ޕޮއިންޓާ އެކު އެވެ. ލަންކާ ދިޔައީ ޕޮއިންޓެއް ނުލިބި ފުލަށެވެ.
އަންހެން ޓީމު ގޮވައިގެން ގިނަ މަސައްކަތްތަކެއް ކުރި ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމު ހޯދި އެވެ. އާތީ އޭރު ވެސް އެންމެ ފާހަގަކުރި އެއް ކަމަކީ ރާއްޖޭގެ ލެވެލްގައި އަންހެން ޓީމަށް މާ ގިނަ މުބާރާތްތަކެއް ނެތް ނަމަވެސް އިންޓަނޭޝަނަލް މުބާރާތްތަކުގެ ފުރުސަތު ދޭނަމަ އަންހެން ޓީމުގެ ކުރިއެރުން ފެންނާނެ ކަމަށެވެ.
އާތީގެ އިތުރުން އަންހެން ގައުމީ ޓީމުގައި ކުރިން ހުރި ޖަޕާނުގެ ކޯޗެއް ކަމަށްވާ ނައޯކޯ ކަވަމޯޓޯ ވެސް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ދެ ކޯޗުންގެ މަސައްކަތުން ހޯދި ކުރިއެރުންތަކާ އެކު ނާދު ޓީމު ގޮވައިގެން ސަރަހައްދުގެ ގޭމްސްއާ މި ފަހަރު ކުރިމަތިލި ޓާގެޓް ވަނީ ހާސިލްކޮށްފަ އެވެ.
"އަޅުގަނޑު ދިން ޓާގެޓް މިއީ. އެކަން ހާސިލްކުރެވިއްޖެ. އެއީ ތިން ވަނަ ހޯދާނެ ކަމުގެ ޔަގީންކަން އޭރު ވެސް ދިނިން. އެއީ ރޭވިފައި އޮތްގޮތުން ތިން ވަނަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް،" ކުރިން ފުރަތަމަ ޑިވިޝަނުގެ އެކި ޓީމުތަކުގައި ކޯޗިންގެ މަސައްކަތްކުރި ނާދު ލަންކާ ބަލިކުރި މެޗަށް ފަހު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުން އިންޑިއާ އާއި ނޭޕާލް އަތުން ބަލިވިޔަސް ދިޔައީ ދަށްކޮށޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް ނާދު ބުންޏެވެ.
"ނޭޕާލާއި އިންޑިއާ އިން ވަރަށް ގިނައިން ލަނޑު ޖަހާ. އެކަމަކު އެ ދެ ޓީމަށް މި ފަހަރު ރާއްޖެ ކައިރިން އުނދަގޫވި. އެއީ ވެސް ކާމިޔާބެއް. ދެން އަނެއްކޮޅުން ބަލާއިރު ފުލް ޓީމުގައި ކުޅޭ ހަތަރު ވަރަކަށް ކުޅުންތެރިން ނުލައި މި ކުޅުނީ މި މުބާރާތުގައި. އެ ކުޅުންތެރިން ނެތި ވެސް ލޯ މެޑަލެއް ހިފައިގެން ދެވުމަކީ ފާހަގަކުރަން ޖެހޭ ކަމެއް،" ނާދު ބުންޏެވެ.
މި ފަހަރުގެ ޓީމުގައި ޒުވާން ކުޅުންތެރިންތަކެއް ވެސް ހިމެނޭއިރު ނާދު ގަބޫލުކުރާގޮތުގައި އިތުރު ފުރުސަތުތައް ފަހިކޮށްދެވި މި ކުޅުންތެރިން ތަރައްގީ ކުރަން އިތުރު މަސައްކަތްތަކެއް ކުރެވިއްޖެނަމަ އިތުރު ކާމިޔާބީތައް ހޯދަން މިހާރު ދޮރު ވަނީ ހުޅުވިފަ އެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައުމީ ލެވެލްގައި އަންހެން ފުޓްބޯޅަ އަށް ގިނަ މުބާރާތްތަކެއް ނެތުމެވެ. މާލޭގައި އަންހެން ޓީމުން ބަރާބަރަށް ޕްރެކްޓިސް ކުރި ނަމަވެސް އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅެލަން ގިނަ ފަހަރަށް ލިބެނީ ފުޓްސަލް މުބާރާތްތަކުގަ އެވެ. އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް މި އަހަރު ބާއްވާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.