ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ލީގު ބުރުގެ ފަހު މެޗުގައި ސްރީ ލަންކާ 2-1 އިން ބަލިކޮށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

އަހުމަދު ނާޝިދު (ނާދު) ގެ ކޯޗުކަމުގައި އަންހެން ޓީމުން ވާދަކުރި ފުރަތަމަ މުބާރާތުގައި މި ހޯދި މެޑެއްޔަކީ އަންހެން ފުޓްބޯޅަ ޓީމަށް މި ގޭމްސްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ވެސް މެ އެވެ. މި ޓީމުން އެންމެ ފުރަތަމަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، 2016 ގައި ލިބުނީ ހަތަރު ވަނަ އެވެ.

ނޭޕާލުގެ ޕޮކަހާރާގައި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުރިއަށްދިޔަ މި އަހަރުގެ ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި އިންޑިއާ އާއި ނޭޕާލުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެހެންވެ ލޯ މެޑެއްޔަށް ވާދަކުރީ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތް ރާއްޖެ އާއި ލަންކާ އެވެ. އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާގެ ގޯލްތަކުން ލަންކާ 2-1 އިން ބަލިކޮށް ރާއްޖޭން ލޯ މެޑަލް މި ހޯދީ ތިން ޕޮއިންޓާ އެކު އެވެ. ލަންކާ ދިޔައީ ޕޮއިންޓެއް ނުލިބި ފުލަށެވެ.

އަންހެން ފުޓްބޯޅަ ޓީމުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ވެސް ވާދަކުރަމުންނެވެ. ފުރަތަމަ ދެ މުބާރާތުގައި އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް މޮޅެއް ހޯދި އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ދެ މެޗުން މޮޅުވެ، ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ފުރުސަތު ހޯދި އެވެ.

އެފްއޭއެމުން އަންހެން ޓީމަށް ހޯދައިދެމުން އަންނަ ބައިނަލްއަގްވާމީ ތަމްރީން ފުރުސަތުތަކާއި މެޗުތަކާ އެކު ފަހަކަށް އައިސް އަންނަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސް ކޮލިފައިންގައި ހޯދި ތަޖުރިބާގެ އަލީގައި ނޮވެމްބަރު މަހު ސިންގަޕޫރުގައި އޮތް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމު ހޯދި އެވެ. ޖަޕާނުގެ ކޯޗެއް ކަމަށްވާ ނައޯކޯ ކަވަމޯޓޯ އަދި ފަހުން މުހައްމަދު އާތިފް (އާތީ) އާ އެކު ހޯދި ކުރިއެރުންތައް ދެމެހެއްޓުމުގެ ޒިންމާ މިހާރު ނަގަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ނާދު އެވެ.