އަވިން ހަކަތަ އުފެއްދުމަށް ރާއްޖޭގެ މާހައުލާ ގުޅޭ އަމިއްްލަ އުފެއްދުމެއް ސްޓެލްކޯއިން ރޭ ތައާރަފުކޮށްފި އެވެ.

ރޭ ބޭއްވި ހަފްލާގައި "ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް" އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދެވެ. މިއީ މޫދުގައި ބާއްވާ ސޯލާ ޕޮޑެކެވެ.

މިއީ ބޭރު ގައުމުތަކުގެ ކޯރުތަކުގައި ބޭނުންކުރާ ފްލޯޓިން ސޯލާ ސިސްޓަމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމްތަކެކެވެ. ކޯރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަކީ ރާއްޖޭގެ ކަނޑުތަކަށް އެކަށީގެންވާ ސިސްޓަމްތަކަކަށް ނުވާތީ ރާއްޖޭގެ މާހައުލާ އެއްގޮތަށް އެއަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ރާއްޖޭގެ މާހައުލާ އެއްގޮތަށް ފްލޯޓިން ސޯލާ ސިސްޓަމް ޑިޒައިންކުރީ ސްޓެލްކޯގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޔުނިޓުންނެވެ.

ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު ސްޓެލްކޯގެ ސޯލާ ޕޮޑު އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު ސްޓެލްކޯގެ ސޯލާ ޕޮޑު އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއީ އެ ކުންފުނީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި މި އުފެއްދުމުގެ ސަބަބުން ތިމާވެއްޓާއި ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސޯލާ ޕޮޑު ފަރުމާކުރެވިފައި މިވަނީ ޖާގަ އޮތް ބޮޑު ފަޅެއްގައި މިފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާ ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ އަދަދެއްގެ ހަކަތަ ނެގޭގޮތަށް. މި ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މި އުފެއްދުން އެހެން ސައިޒުތަކުން ވެސް ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ސޯލާ ޕޮޑު-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ސޯލާ ޕޮޑު-- ފޮޓޯ: ސްޓެލްކޯ

މުޣުނީ ވިދާޅުވި ގޮތުގައި މި ސިސްޓަމްތަކުގެ ސަބަބުން، އެ ކުންފުނިން ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ. ސްޓެލްކޯއިން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ގެތަކުގައި ސޯލާ ޕެނަލް ހަރު ކުރުމަށް ވެސް އެ ކުންފުނިން އަންނަނީ ބާރު އަޅަމުންނެވެ.

ފްލޯޓިން ސޯލާ ޕެނަލް ގަންނަ ކަސްޓަމަރުންނަށް އެތަކެތި ބެހެއްޓުމާއި ކަރަންޓު ވިއުގައާ ގުޅާލުމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ދޭނެ އެވެ. މި ޕެނަލްތައް މިއަދުން ފެށިގެން ސްޓެލްކޯއިން ލިބެން ހުންނާނެ އެވެ.

ސްޓެލްކޯގެ ސޯލާ ޕޮޑުތަކަށް 25 އަހަރުގެ ވޮރަންޓީ ލިބޭނެ އެވެ.