މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން މާލެ-ހުޅުމާލެ ހައިވޭގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ ސްޓަރަކްޗާގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
މިހާރު ކުރިއަށް ދަނީ ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވުމަށް ކުރަން ޖެހޭ އިލެކްޓްރިކަލް މަސައްކަތްތައް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މަސައްކަތް ނިންމައި ސޯލާ ޕެނަލްތަކުން މި މަހު ކަރަންޓު އުފައްދަން ފެށޭނެ އެވެ.
"ލިންކް ރޯޑްގައި ގާއިމުކުރަމުން އަންނަ ސޯލާ ހަކަތައިގެ ނިޒާމުގެ މަސައަކަތްތަކުގެ ތެރެއިން މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ. އަދި މިހާރު ކުރަމުން އަންނަ އިލެކްޓްރިކަލް މަސައްކަތްތައް ނިމި މި އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ސްޓްލެކޯގެ ގްރިޑަށް ގުޅައި އެ ޕެނަލްތަކުން ކަރަންޓު އުފައްދަން ފަށާނެ،" މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓު ގުޅާނީ ސްޓެލްކޯގެ މެއިން ގްރިޑަށެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ނިމި، ސްޓެލްކޯގެ ގްރިޑަށް ގުޅުމުން ސްޓެލްކޯ އިން ޑީސެލް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްވެ، ދައުލަތުން ތެލަށް ކުރާ ހޭދަ ކުޑަކުރެވޭނެ އެވެ. އަދި ދައުލަތުން ތެލުގެ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު ވެސް ކުޑަކުރެވޭނެ އެވެ.
ސިނަމާލެ ބްރިޖުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަ ކުރެވޭނެ އެވެ.