ޑައިވިނަށް ގޮސްއުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ށ. ޅައިމަގު ޒުވާނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އޭނާ ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
ހުއިފިލަނޑާ ނެގުމަށް އދ. ހުކުރުދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގެ ކައިރިއަށް ޑައިވިން އަށް ދިޔަ ށ. ޅައިމަގު އެވަރެސްޓް، އަހުމަދު ޖައިލަމް، 23، ގެއްލުނީ އިތުރު ބަޔަކާ އެކު ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެކަމަކު ތިން ވަނަ ޑައިވް ނިންމާފައި އިއްޔެ ހަވީރު އެ މީހުން މޫދުން މައްޗަށް އެރި އިރު ވެސް އޭނާގެ ހަބަރެއް ނުވެ އެވެ.
ޖައިލަމް ޑައިވިނަށް ދިޔައީ ބޮޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އަޅައިގެން ކަމަށް ވެ އެވެ. ބީސީޑީ އަޅާފައި ހުންނަ ނަމަ، ލައިފް ޖެކެޓް އަޅައިގެން ފެން މަތީގައި ވަރަށް ގިނައިރު ވާންދެން އޮވެވޭނެ އެވެ. އަދި ފެންމަތީގައި އޮވެއްޖެ ނަމަ، ރެސްކިއު އޮޕަރޭޝަންތަކުގައި ހޯދަން ވެސް ފަސޭހަ ވާނެ އެވެ.
ޖައިލަމް ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު އަދި މިފަދަ އޮޕަރޭޝަންތައް އެތަނުން ކުރިއަށް ގެންދާ އެންމެ އިސް ފަރާތް، ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި ޖައިލަމްއާ އެކީ ފީނި މީހުންގެ ވާހަކަތަކަށް ބަލާއިރު އޭނާ މޫދު އަޑިއަށް ދިޔުމަށް ފަހު މައްޗަކަށް ނާރަ އެވެ. ކޯސްޓްގާޑަށް އެ މީހުން އެންގީ ވެސް 45 މިނިޓްގެ އެ ޑައިވަށް ފަހު އޭނާ މޫދު މައްޗަށް ނޭރުމުންނެވެ.
"އޭނާ މައްޗަށް އަރާފައި އޮވެދާނެ ކަމަށް ބަލާފައި ވައިގެ މަގުން ވެސް ހޯދަމުން މި ދަނީ. ބައެއް ފަހަރަށް އެހެން ގެއްލޭ މީހުން، ފަރު މައްޗަށް ފަދަ ތަންތަނަށް ވެސް އަރާތީ އެ ފަދަ ތަންތަން ވެސް ބަލާފައި ވާނީ. އެކަމަކު އަޅުގަނޑުމެންނަށް ވެސް ބޮޑަށް ޔަގީން ކުރެވޭ ގޮތުގައި އޭނާ އޮތީ އަޑީގައި،" ސަލީމް ވިދާޅުވި އެވެ.
ޖައިލަމްއާ އެކު ފީނަން ދިޔަ މީހުންނާ ހަވާލާދީ ސަލީމް ވިދާޅުވީ އޭނާއަކީ ފީނުމުގައި އެއްވެސް ކަހަލަ ތަމްރީނެއް ހަދާފައިވާ މީހެއް ނޫން ކަމަށެވެ. އަދި އެންމެ ރަނގަޅަށް ފީނާ މީހުންނަށް ވެސް ގިނަ ވެގެން ކުރާނީ ތިން ޑައިވް ކަމަށާއި ޖައިލަމް ގެއްލުނީ އޭނާ ކުރި ތިން ވަނަ ޑައިވްގައި ކަން ފާހަގަ ކުރެއްވި އެވެ.
އޭނާ ހޯދުމުގައި ކޯސްޓްގާޑުގެ އުޅަނދުތަކާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުންނާއި ފުލުހުންނާއި ސީޕްލޭން ބައިވެރިވެ އެވެ.
ސަލީމް ވިދާޅުވީ ކުރީގެ ތަޖުރިބާތަކަށް ބަލައި، ބީސީޑީ ފަދަ ވަސީލަތެއް އޮތް ނަމަ ވަރަށް ދުރުން ވެސް އެ މީހަކު ފާހަގަ ކުރެވޭނެ ކަމަށާއި ގިނަ ފަހަރަށް މީހުން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި ފަދަ އޮޕަރޭޝަން ކާމިޔާބު ކުރެވޭނެ ކަމާމެދު 100 ޕަސެންޓް ގެރެންޓީ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖައިލަމް ގެއްލުނީ އާއްމުކޮށް މީހުން ފީނާ ސަރަހައްދަކަށެވެ. އެކަމަކު މޫސުމް އެހާ ރަނގަޅު ނުވުމުން އޭނާ ހޯދުމުގެ އޮޕަރޭޝަނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ކޯސްޓްގާޑުން ފާހަގަ ކުރި އެވެ.