ވޮޝިންޓަން (ޑިސެމްބަރު 1) - އެމެރިކާގެ ޚާރިޖީ ވަޒީރުކަމުން ރެކްސް ޓިލަސަން ވަކިކޮށް އެ މަގާމަށް ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ހަމަޖައްސަން އުޅޭކަމުގެ ރިޕޯޓްތަކެއް އާއްމުވެއްޖެ އެވެ.
އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ޚާރިޖީ މައްސަލަތަކުގައި ޚިޔާލު ތަފާތުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެންވެ ޓިލަސަން ވަކި ކުރުމާ ގުޅޭ ގޮތުން ވައިޓް ހައުސްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.
ނަމަވެސް ވައިޓް ހައުސް އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ސެންޑާސް ވިދާޅުވީ ސެކްރެޓަރީ ޓިލަސަން ހުންނެވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީ ކަމަށާއި ރައީސް ޓްރަމްޕުގެ މުޅި ކެބިނެޓުގެ ފޯކަސް ހުއްޓިފައި ވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ކާމިޔާބުކަމާ އެކު ނިންމާލަން ކަމަށެވެ.
ނޯތު ކޮރެއާ މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ހޯއްދެވުމަށް ޓިލަސަން މަސައްކަތް ކުރައްވަނިކޮށް ޓްރަމްޕް ވަނީ އެއީ ވަގުތު ބޭކާރު ކުރުމެއް ކަމަށް ވިދާޅުވެފަ އެވެ.
އެނާޖީ ކުންފުނި އެޒޮން މޯބިލްގެ ކުރީގެ ޗީފް އެގްޒެކެޓިވް ޓިލަސަން، 65، އަށް ޚާރިޖީ ވަޒީރުކަމުގެ މަގާމު ދެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. ޓިލަސަން އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގުޅުން އޮންނަ ބޭފުޅަކަށް ވާތީ މަގާމު ދިނުމާ މެދު އޭރު ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.