ވޮޝިންޓަން (އޮގަސްޓް 23) - އަފްޣާނިސްތާނުގެ ތާލިބާނުންނަށް ވާގިވެރިވާ މައްސަލާގައި އެމެރިކާ އިން ޕާކިސްތާނަށް ޕްރެޝަރު ކުރަން ފަށައިފި އެވެ.
ތާލިބާނުންނަށް ހިމާޔަތްދޭ ވާހަކަ ޕާކިސްތާނުން ދޮގު ކުރެ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ ޕާކިސްތާނުގެ ސިޔާސަތު ބަދަލު ނުކުރާ ނަމަ އެ ގައުމަށް އެމެރިކާ އިން ދޭ އިނާޔަތްތައް ގެއްލޭނެ ކަމަށެވެ. ޓިލަސަން މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އަފްޣާނިސްތާނާ ގުޅޭ ގޮތުން އެމެރިކާގެ އާ ސިޔާސަތު ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.
ޕާކިސްތާނަކީ އެމެރިކާގެ ބައިވެރިއެކެވެ. ބިލިއަން ޑޮލަރުގެ އެހީ އެމެރިކާ އިން ޕާކިސްތާނަށް ފޯރުކޮށްދެ އެވެ. ޓިލަސަން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ދޭ ނަމަ އެކަން ބަދަލު ކުރުމަކީ އެ ގައުމުގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި އެހެން ނޫން ނަމަ ޕާކިސްތާނަށް ދޭ އެހީ ހުއްޓާލުމުގެ މައްސަލަ މަޝްވަރާގެ މޭޒަށް ދާނެ ކަމަށެވެ.
ޓިލަސަން ވިދާޅުވީ ޕާކިސްތާނަކީ ނިއުކްލިއާ ބާރަކަށްވާ އިރު އެ ގައުމުގެ ހަމަޖެހުމަކީ އެމެރިކާގެ މަސްލަހަތު އެކަމުގައި އޮތް ކަމެއް ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަފްޣާނިސްތާން ހަނގުރާމަ އިން ކާމިޔާބު ނުލިބޭނެކަން ތާލިބާނުންނަށް އެނގެން ޖެހޭނެ ކަމަށެވެ. ރައީސް ޓްރަމްޕް ވެސް ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ލިބުނު ހުސްކަމުގެ މައްޗަށް ތާލިބާނުން ބާރުވެރިވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.