ޚިޔާނާތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ސަގާފަތެއް އަށައިގެންފައިވާ ދައުލަތުގެ މުއައްސަސާތަކުގައި، މުވައްޒަފުންނަށް ވަރަށް ބޮޑު ބާރެއް ވަނީ ލިބިފަ އެވެ. އެއީ ހިމާޔަތް ލިބިގެން ސިއްރުން އެފަދަ ކަންކަން ރިޕޯޓުކުރެވޭނެ ގޮތެވެ.

ވިސްލްބްލޯކުރާ މީހުން ރައްކާތެރިކުރުމުގެ ގާނޫނެއް އޮކްޓޯބަރު 2019ގައި ތައާރަފްކުރުމަކީ ކޮރަޕްޝަނަށް ޖާގަ ނުދޭން މި ސަރުކާރުން ވި ވައުދުގެ މުހިއްމު ފިޔަވަޅެކެވެ. ވިސްލްބްލޯކުރުމަކީ ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެ ކަމުގެ މައުލޫމާތު ހުށަހެޅުމެވެ. ނޭދެވޭ އަމަލުތަކުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ 12 ކަމެއްގެ ތެރެއިން ކޮރަޕްޝަނަކީ އެއް ދާއިރާ އެވެ. ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ވެސް މުވައްޒަފުންނަށް, އެ ގާނޫނުން ހިމާޔަތް ލިބިގެން މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

އެކަމަކު އެ ނިޒާމު ގާއިމްކުރިތާ ދޮޅު އަހަރު މިވީ މާ ބޮޑު ބަދަލެއް ނައިހެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވިގޮތުގައި ވިސްލްބްލޯވާ ގާނޫނެއް އޮތަސް، ބިރަކާ ނުލައި ކޮރަޕްޝަން ފަޅާއަރުވާލަން ޖާގަ ލިބޭ ފަދަ މާހައުލެއް އުފެދުނު ކަމަކަށް ނުފެނެ އެވެ. ޝިއުނާ ވިދާޅުވީ ރިޕޯޓްކޮށްފި ނަމަ ވަޒީފާއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ނުތަނަވަސްކަން އޮންނަ ކަމަށާއި ބިރުދެއްކުމުގެ އުކުޅުތައް ދައުލަތުގެ އިދާރާތަކުގައި ގެންގުޅޭ ކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވާ ކަމަށެވެ. ދެވަނަ ކަމަކަށް، އޭނާ ވިދާޅުވިގޮތުގައި، ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި އެ ރައްކާތެރިކަން ހޯދާނެ ގޮތާ މެދު ހޭލުންތެރިކަން ވަރަށް ކުޑަ އެވެ.

"މި ގާނޫނު އޮތް ކަމާއި ގާނޫނުން ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ރައްކާތެރިކަމާ އެކީ، [ކޮރަޕްޝަން ރިޕޯޓް] ކުރެވޭނެ މަގު މިހާރު ފަހިކޮށްދީފައޭ މި އޮތީ، އެ މިންވަރަށް ހޭލުންތެރިކަން ހުރި ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" ޝިއުނާ ވިދާޅުވި އެވެ.

"މައްސަލަ ހުށަހަޅައިފިއްޔާ ދެން ތިމަންނަގެ ވަޒީފާ އަށް ވާނެ ގޮތަކާ މެދު [އަދިވެސް] ބިރުގަންނަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ."

ވިސްލްބްލޯކުރުމަކީ ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެ ކަމުގެ މައުލޫމާތު ހުށަހެޅުމެވެ.

"ވިސްލްބްލޯކޮށްގެން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް އައިސްގެން ނުވާނެ. އަންނަ ކަމަށް ވަނީ ނަމަ އެކަން ބަލާފައި އަޅުގަނޑުމެން އެއަށް އެޑްރެސްކުރާނަން. އެކަމަށް ޒިންމާވާ ފަރާތެއް ވެއްޖެއްޔާ އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން."

ކޮރަޕްޝަން ހާމަކުރާ މީހުން ސިއްރުކޮށްދީ ހިމާޔަތް ހޯދައިދިނުމުގެ އިންތިޒާމް ކުރިންސުރެ ވެސް ކޮންމެވެސް ވަރަކަށް އޮވެ އެވެ. އޭސީސީން 2016ގައި ވަނީ އެފަދަ މީހުން ރައްކާތެރިކޮށްދޭނެ އުސޫލެއް ތައާރަފްކޮށްފަ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް ރައީސް އޮފީހުން ފެބްރުއަރީ 2019ގައި ތައާރަފްކުރި ވިސްލްބްލޯވާ ޕޯޓަލްއަކީ ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ކޮރަޕްޝަން ރިޕޯޓްކުރަން ލިބުނު ފުރުސަތެކެވެ. އެންމެ ފަހުން ގާނޫނުގެ ދަށުން މިހާރު ވަނީ ވިސްލްބްލޯވަރުން ރައްކާތެރިކުރުމުގެ ޒިންމާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކުރަނީ އެޗްއާރުސީއެމްގައި އުފައްދާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުންނެވެ.

ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނަން ޖެހެ އެވެ. އެ އިދާރާއަކަށް ނުވަތަ އެޗްއާރުސީއެމްގެ ޔުނިޓަށް ވެސް މައްސަލަ ހުށަހެޅޭނެ އެވެ. ވިސްލްބްލޯކުރުމުގެ ކުރިން, އެކަން ކުރަން ވިސްނާ ކަމުގެ މައުލޫމާތު ޔުނިޓަށް ހުށަހަޅައިފި ނަމަ އެ މީހަކަށް މައުލޫމާތާއި އިރުޝާދު ދިނުމުގެ ޒިންމާ ވެސް ޔުނިޓަށް އެބައޮތެވެ. ޔުނިޓަށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅައިފި ނަމަ ކޮރަޕްޝަން ތަހުގީގުކުރަން ފޮނުވާނީ އޭސީސީ އަށެވެ. ވިސްލްބްލޯވަރު ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޔުނިޓުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ޑރ. އަހުމަދު އަދުހަމް އަބްދުالله ވިދާޅުވީ އެޗްއާރުސީއެމްގެ އާއްމު ތަހުގީގުތަކާ ވަކިން، މިނިވަންކޮށް ހިންގަމުން އަންނަ ޔުނިޓުން މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޔުނިޓުން މި ވަގުތު 10 ވަރަކަށް މައްސަލަ އެބަ ބަލަ އެވެ.

ވިސްލްބްލޯކުރާ މީހަކީ ކާކުކަން ސިއްރުކޮށްދޭން ޖެހެ އެވެ. އަދި އެ މީހާގެ ކިބައިން ބަދަލުހިފުމުގެ އެއްވެސް ކަމެއް ކުރުން ގާނޫނު މަނާކުރެ އެވެ. ވަޒީފާ ދަށްކުރުން ނުވަތަ ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ފަދަ މައްސަލަތައް ޔުނިޓުން ބަލައި އެ ކަމެއް ހުއްޓުވުމަށް އަމުރެއް ފޮނުވަން ޖެހެ އެވެ. އެ އަމުރާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާކުރުން ފަދަ އިދާރީ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

"ވިސްލްބްލޯކޮށްގެން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް އައިސްގެން ނުވާނެ. އަންނަ ކަމަށް ވަނީ ނަމަ އެކަން ބަލާފައި އަޅުގަނޑުމެން އެއަށް އެޑްރެސްކުރާނަން. އެކަމަށް ޒިންމާވާ ފަރާތެއް ވެއްޖެއްޔާ އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،" އަދުހަމް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) އަދުހަމް އަށް މިދިޔަ ސެޕްޓެމްބަރު މަހު މަގާމުގެ ލިޔުން ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) އަދުހަމް އަށް މިދިޔަ ސެޕްޓެމްބަރު މަހު މަގާމުގެ ލިޔުން ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި، ވިސްލްބްލޯ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިތޯ ހުރިތޯ ޔުނިޓުން ބަލަން ޖެހެ އެވެ. އަދުހަމް ވިދާޅުވިގޮތުގައި އެޗްއާރުސީއެމުން މިދިޔަ އަހަރު ވަނީ އެކަމަށް ބޭނުންކުރާނެ ގައިޑްލައިނެއް ސަރުކާރުގެ އިދާރާތަކަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ވިސްލްބްލޯކުރުމުގެ އޮފިސަރެއް އައްޔަންކުރުމާއި އެ އޮފިސަރަށް މައްސަލަ ހުށަހެޅޭނެ ގޮތް ހިމަނާފައިވެ އެވެ.

"މުއައްސަސާގައި އެ އިންތިޒާމު ހަމަޖެހިފައި ނެތިއްޔާ، އަދި ހުއްޓަސް، އެޗްއާރުސީއެމްގެ ޔުނިޓަށް އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، ބިރުވެރިކަމެއް ނެތި މައްސަލަ ހުށަހެޅޭނެ އިންތިޒާމް މިހާރު ވެސް ހުރީ ހަމަޖެހިފައި،" އީމެއިލާއި ސިޓީ ފޮނުވައިގެން ޔުނިޓަށް މައްސަލަ ހުށަހެޅޭނެކަން ފާހަގަކުރައްވައި އަދުހަމް ވިދާޅުވި އެވެ.

"ދެން މުއައްސަސާތަކުގައި އިންތިޒާމުތައް ފުރިހަމަ އަށް ހުރިތޯ ބަލާފައި އަޅުގަނޑުމެން އެ އަށް އެޑްރެސްކުރާނަން. އެކަން ނުކުރާ ފަރާތްތަކަށް އަޅުގަނޑުމެން އަންގައިގެން އެކަން ރަނގަޅުކުރެވޭތޯ މަސައްކަތްކުރާނަން."

ގާނޫނުން ލިބޭ ހައްގުގެ ބޭނުން ގިނަ ބަޔަކު ހިފަން ފަށާނީ ހޭލުންތެރިވެގެންކަން އަދުހަމް ވެސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި އަންނަ މަހު ފަހުކޮޅު އެޗްއާރުސީއެމުން ހިންގަން ތައްޔާރުވަމުންދާ ޕްރޮގްރާމަކުން އެ މަސައްކަތް ފަށައިގަންނާނެ އެވެ.

ޝިއުނާ ވިދާޅުވީ ވިސްލްބްލޯކުރަން ތިބޭ މުވައްޒަފުންގެ އިތުރުން އިދާރާތަކުގެ ވެރިން ވެސް ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ.

ޝިއުނާ: ދައުލަތުގެ މުވައްޒަފުންނަށް، ޖެހިލުމެއް ނެތި ކޮރަޕްޝަން ރިޕޯޓްކުރެވޭނެ ފަހި މާހައުލެއް ނެތްކަން، ލިބޭ ޝަކުވާތަކުން އެނގޭ ކަމަށް ވިދާޅުވި.
ޝިއުނާ: ދައުލަތުގެ މުވައްޒަފުންނަށް، ޖެހިލުމެއް ނެތި ކޮރަޕްޝަން ރިޕޯޓްކުރެވޭނެ ފަހި މާހައުލެއް ނެތްކަން، ލިބޭ ޝަކުވާތަކުން އެނގޭ ކަމަށް ވިދާޅުވި.

ޝިއުނާ ވިދާޅުވިގޮތުގައި ވިސްލްބްލޯވަރަކީ ކާކުކަން ސިއްރުކޮށްދިނަސް ބައެއް ފަހަރު ވަރަށް ފަސޭހަ އިން އެނގޭ ގޮތް ދިމާވެ އެވެ. އެއީ އޮފީސްތަކުގައި ވަކި ކަހަލަ މައުލޫމާތުތަކަކީ ހަމައެކަނި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އެނގޭ ކަންކަން ކަމަށް ވާތީ އެވެ. ވިސްލްބްލޯވަރާ ދޭތެރޭ ފިޔަވަޅު އެޅުމުގެ ބިރު އެފަދަ ހާލަތްތަކުގައި ވަކިން ބޮޑު ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ގާނޫނު އައިތާ މިވީ ދޮޅު އަހަރު އެޗްއާރުސީއެމްގެ ތަޖުރިބާއަކީ މިދިޔަ އަހަރު ޔުނިޓު ހިނގައިނުގަނެ އޮތް ކަމެވެ. މައިގަނޑު ސަބަބަކީ، އަދުހަމް ވިދާޅުވީ، މިދިޔަ އަހަރަށް އެކަށީގެންވާ ބަޖެޓެއް ނުލިބުން ކަމަށެވެ. އެކަމަކު މި އަހަރަށް ބަޖެޓު ލިބި ޕްލޭންކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށް އެ ކަންކަން ތަންފީޒުކުރާ ހިސާބަށް ގޮސްފައިވާކަން އަދުހަމް ފާހަގަކުރެއްވި އެވެ.

"ބަޖެޓު ލިބުނު ހިސާބުން ފެށިގެން ލަސްވުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަދުހަމް ވިދާޅުވި އެވެ.

"އެޑްވޮކެސީގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ކުރިއަށް ދިޔައިމަ އަޅުގަނޑަށް ހީވާ ގޮތުން ވަރަށް ބޮޑަށް ހޭލުންތެރިކަން އުފެދިގެން މީހުންނަށް ހިތްވަރު ލިބޭނެ ވިސްލްބްލޯކުރަން."