ސިޔާސީ އަދި އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރުމުގެ ޖާގައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ނޯންނާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ މިރޭ ވިދާޅުވެއްޖެ އެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި ޝިއުނާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ކުރާ މަސައްކަތުގެ ބާވަތުން އާއްމުންގެ ފާޑުކިޔުން އަބަދު ވެސް އަމާޒުވެ އެވެ. އެ ފާޑުކިޔުންތައް ބައެއް ފަހަރު އަންނަނީ ސިޔާސީ ވިސްނުމެއްގައި އަދި އަނެއްބައި ފަހަރު އަމިއްލަ މަސްލަހަތުގައި ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރެމެ އަދި އާއްމުން އުއްމީދުކުރާ ސްޕީޑުގައި މައްސަލަ ނުނިމޭތީ ފާޑުކިޔުން ހައްގުވާ ވަގުތުތައް އައި ކަމުގައި ވިޔަސް އަމިއްލަ ފައިދާއަށް ކަންކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މިހާރު އޭސީސީގައި ސިޔާސީ އަދި އަމިއްލަ މަސްލަހަތަށް މަސައްކަތްކުރުމުގެ ޖާގައެއް ނޯންނާނެކަން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސީސީގައި ސިޔާސީ މަސައްކަތް ކުރުމުގެ ޖާގައެއް ނެތްކަމަށް އެ ކޮމިޝަނުން ބުނިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭސީސީ ބޭނުންކުރީ ސިޔާސީ މަންފާ ހޯދަން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެގޮތުން، އެ ވެރިކަމުގައި ހިންގި ކޮރަޕްޝަންގެ އެތައް މައްސަލައެއް ހުށަހެޅިއަސް، އެކަންކަން ހުއްޓުވުމުގައި އެ ކޮމިޝަން އޮތީ ފަހަތުފަޔަށް ފުރަވެފައި ކަމުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވުމާއި މަދުކުރުމުގެ ނަޒަރިއްޔާތުން ބަލާނަމަ ނަތީޖާއާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ އެވެ. އެކަން ހާސިލްކުރަން އޭސީސީއާ އެއް ވިސްނުމެއްގައި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ. ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އިސްލާހުކުރުމުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް އާއްމުންގެ އިތުބާރު ބޮޑުވާނެ،" ޝިއުނާ ވިދާޅުވި އެވެ.