މިދިޔަ 24 ގަޑިއިރު ތެރޭ  މޮރޮކޯއިން ކަނޑާއި އެއްގަމު ބޯޑަރު ހުރަސްކޮށް، ސްޕެއިންގެ ސަރަހައްދެއް ކަމަށްވާ ސެއުޓާއަށް 49،000 އަށްވުރެ ގިނަ ރެފިއުޖީން އެތެރެވެފައިވާ ކަމަށް ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ލަފާކޮށްފި އެވެ. 

މިއީ އެ ސިޓީގެ އާބާދީ ކަމަށްވާ 84،000 ގެ  ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ. މިއާއެކު އެ ސަރަހައްދަށް ވަނީ އިންސާނީ އަދި ސިޔާސީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފަ އެވެ.

ސްޕެއިންގެ މައި ބިން ނުވަތަ މެއިންލޭންޑާ މުޅިން ވަކިން، އެކަމަކު އެ ގައުމުގެ ބާރުގެ ދަށުގައި އޮންނަ ސެއުޓާ އަދި މެލީޔާ އަކީ ކަނޑުގެ މަގުން މުޅިން ވަކިން އޮންނަ ސަރަހައްދުތަކެކެވެ. މޮރޮކޯއާ ބޯޑަރު ހިއްސާކުރާ، އެފްރިކާ ބައްރުގައިވާ މި ދެ ސިޓީ އާއި ޔޫރަޕް ބައްރުގައިވާ ސްޕެއިންގެ މައި ބިން ވަކިކޮށްދެނީ މެޑިޓަރޭނިއަން ކަނޑާއި ސްޓްރެއިޓް އޮފް ޖިބްރޯލްޓާ އިންނެވެ. މީގެ އިތުރުން މޮރޮކޯގެ އަތިރިމައްޗާ ކައިރީގައިވާ ބައެއް ކުދި ރަށްތައް ވެސް އޮންނަނީ ސްޕެއިންގެ ވެރިކަމުގެ ދަށުގަ އެވެ. މި ތަންތަނުގެ މިލްކުވެރިކަމާ މެދު ވެސް ބަހުސް އޮވެ އެވެ. 

ބޯޑަރު ފޫއަޅުވާލައި މިހާ ގިނަ އަދަދެއްގެ މީހުން ކުއްލިއަކަށް ވަނުމާ އެކު މުޅި ސްޕެއިނާއި ސަރަހައްދުގައި ވެސް ވަނީ ހާސްކަން އުފެދިފަ އެވެ. 

ފަތާފައި މޮރޮކޯއިން ސްޕެއިނަށް އަރަން އަންނަ ބަޔަކު މޫދުގައި. -- ފޮޓޯ: އޭއެފްޕީ
ފަތާފައި މޮރޮކޯއިން ސްޕެއިނަށް އަރަން އަންނަ ބަޔަކު މޫދުގައި. -- ފޮޓޯ: އޭއެފްޕީ

ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެނބިގެން އަދި ފިތިގެން މިހާތަނަށް މަދުވެގެން 19 މީހުން މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.

ރެފިއުޖީންގެ ގޮތުގައި ވަން މީހުންގެ ތެރޭގައި ގިނައީ މޮރޮކޯގެ ޒުވާން ފިރިހެނުންނެވެ. ނަމަވެސް، މީގެ ތެރޭގައި އަންހެނުންގެ އިތުރުން 7،000 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ. 

ސެއުޓާގެ ރެފިއުޖީން ބަލައިގަންނަ މަރުކަޒުތައް މި އެންމެންނާ އެކު ފުރިފައި ވާއިރު އެތައް ހާސް ބަޔަކު ދަނީ މަގުމަތީގަ އާއި ޕާކުތަކުގައި ނިދަމުންނެވެ. އަދި ރޭގަނޑު ހިނގި ހަމަނުޖެހުންތަކުގައި ބައެއް ވެހިކަލްތަކާއި މުދަލަށް ވަނީ ގެއްލުން ވެސް ދީފަ އެވެ.



ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ސްޕެއިނާއި މޮރޮކޯއިން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ބޯޑަރު ބެލެހެއްޓުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނާއި އިތުރު ފުލުހުން އެ ސަރަހައްދަށް ފޮނުވައިފަ އެވެ. އަދި ދެ ގައުމުގެ ސިފައިން ގުޅިގެން ބޯޑަރު ފެންސްތައް ވަރުގަދަކުރުމާ އެކު، މިހާރު ވަނީ އިތުރަށް މީހުން އެތެރެވުން ހުއްޓުވައިފަ އެވެ.

ސްޕެއިންގެ ބޯޑަރު ހުރަސްކޮށް މޮރޮކޯ ބަޔަކު ވަންނަނީ. -- ފޮޓޯ: އޭއެފްޕީ
ސްޕެއިންގެ ބޯޑަރު ހުރަސްކޮށް މޮރޮކޯ ބަޔަކު ވަންނަނީ. -- ފޮޓޯ: އޭއެފްޕީ

ގަވާއިދާ ހިލާފަށް އެތެރެވި މީހުން އަވަހަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސްޕެއިންގެ ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމެއްގެ ސަބަބުން މިކަމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެ ހުކުމް ބުނާގޮތުން ކަނޑުމަތިން އަތުލައިގަންނަ ރެފިއުޖީން ވަގުތުން ފޮނުވައެއް ނުލެވޭނެ އެވެ.

މި ހާދިސާގެ ސަބަބުން ޔޫރަޕްގެ އިއްތިހާދު (އީޔޫ) ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ މިއީ ޔޫރަޕްގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ސްޕެއިނަށް ބޯޑަރު ނުބެލެހެއްޓޭ ނަމަ، ސްޕެއިނާ އެކު އޮންނަ ޝެންގެން ވިސާގެ މިނިވަން ދަތުރުފަތުރުގެ އެއްބަސްވުން މެދުކަނޑާލާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ. އަދި ފްރާންސުން ވެސް ވަނީ ސްޕެއިންއާ ގުޅޭ ބޯޑަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.