ފްރެންކްފޯޓް (8 މެއި) - ބުންޑެސް ލީގާގެ ކްލަބު، އެއިންޓްރަކްޓް ފްރެންފޯޓްގެ ކޯޗަކަށް، ރެއާލް މެޑްރިޑް ލެޖެންޑް ރައުލް ގޮންޒާލޭޒް ގެންދިއުމަށް ފްރެންފޯޓުން މަސައްކަތް ފަށައިފި އެވެ.
ރައުލް މިހާރު މަސައްކަތް ކުރަނީ، ރެއާލްގެ ބީ ޓީމުގެ ކޯޗަކަށެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ ޓީމުން ވަނީ މިދިޔަ އަހަރު ޔޫއެފާ ޔޫތުު ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ރައުލް ވަނީ ބުންޑެސް ލީގާގެ ޝާލްކޭއަށް ކުޅެފަ އެވެ.
މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން، ފްރެންކްފޯޓުން ވަނީ ރައުލް އާއެކު ފުރަތަމަ މަރުހަލާގެ ވާހަކަތައް ދައްކާފަ އެވެ. އިތުރަށް ވާހަކަ ދައްކާނީ ސީޒަން ނިމުމަށް ފަހުގައި ކަމަށްވެސް ޖަރުމަންގެ މީޑިއާތަކުން ބުނެ އެވެ.
ރައުލްގެ ކޯޗު ކަމުގެ ދަށުން ބީ ޓީމުގައި ކުޅުންތެރިން ދަނީ ކުރިއެރުން ހޯދަމުންނެވެ. ވިކްޓާ ކްސްޓް، މިގެލް ގްޓިރޭޒް، ސާޖިއޯ އަރީބާސް އަދި އެންޓޯނިއޯ ބްލެންކޯ ވަނީ މިހާރު ރެއާލްގެ ސީނިއާ ޓީމަށްވެސް ކުޅެން ފަށައިފަ އެވެ.
ރައުލް ގެންދަން، ފްރެންކްފޯޓުން މަސައްކަތް ކުރަމުން ދާއިރު، އެކަން ކާމިޔާބު ނުވުމަކީވެސް ވެދާނެ ކަމެކެވެ. ރެއާލްގެ ސީނިއާ ޓީމުގެ ކޯޗަކަށް ރައުލް ޕްރަމޯޓް ކުރުމުގެ ވިސްނުންތަކެއް އެ ކްލަބުން ގެންގުޅެ އެވެ. މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާން މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލުމުގެ ވާހަކަތަކެއްވެސް މީޑިއާގައި ވަނީ ފެންމަތި ވެފަ އެވެ.
ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކުރީގެ ކެޕްޓަންކަންވެސް ކުރި ރައުލް ހިމެނެ އެވެ. އޭނާ ވަނީ އެ ކްލަބަށް 323 ލަނޑު ޖަހައި ދިފަ އެވެ. އެއީ ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެއް ވަނަ އަކީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.