މެޑްރިޑް (އޮގަސްޓް 26) - ކޯޗިން ކެރިއަރުގައި ދުރު މުސްތަގުބަލަކަށް ވިސްނާއިރު އޭނާ އެންމެ ބޭނުންވާ އެއް ކަމަކީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުން ކަމަށް ރެއާލްގެ ރިޒާވް ޓީމު (ކަސްޓީއާ)ގެ ކޯޗު ރައުލް ގޮންޒާލޭޒް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ރެއާލްގެ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ ހަވާލުވި ރައުލް އެ ޓީމުގައި ކުރި ކާމިޔާބު މަސައްކަތުގެ ސަބަބުން މިދިޔަ އަހަރު އޭނާ ވަނީ ރިޒާވް ޓީމުގެ ކޯޗަކަށް ޕްރޮމޯޓްކޮށްފަ އެވެ. އެ ޓީމާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ރެއާލުން މި ވަނީ ޔުއެފާ ޔޫތު ލީގު ކާމިޔާބުކޮށްފަ އެވެ. ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ރެއާލް މޮޅުވީ ބެންފީކާއާ ވާދަކޮށް 3-2 އިންނެވެ.

ޔުއެފާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ރައުލް ބުނީ ރެއާލްގައި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ކޯޗެއްގެ ގޮތުގައި ވެސް އެކަން ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އަދި ޔޫތު ލީގަކީ ފެށުމަކަށް ހަދައި މި ފިޔަވަޅުމަތީ ކުރިއަށްދާން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަކީ ރެއާލްގެ މީހެއް. މި ކުޅުންތެރިންނާ އެކު މި މަސައްކަތް ކުރަން ލިބުމަކީ އަހަރެންގެ ހިތްހަމަޖެހުން. މި ކާމިޔާބީގެ ޝުކުރު ހައްގުވަނީ ކުޅުންތެރިންނަށް. މިއީ އަހަންނަށް ކުރެވޭ ވަރަށް އާދަޔާހިލާފު ތަޖުރިބާއެއް،" އުމުރުން 43 އަހަރުގެ ރައުލް ބުންޏެވެ.

ޔުއެފާ ޔޫތު ލީގު ކާމިޔާބުކުރުމަށް ފަހު ރައުލް ރެއާލްގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޔުއެފާ ޔޫތު ލީގު ކާމިޔާބުކުރުމަށް ފަހު ރައުލް ރެއާލްގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން ރެއާލަށް ކުޅެ އެ ޓީމުން ކޯޗިން ކެރިއަރު ފެށި ގިނަ ކުޅުންތެރިން ވަނީ ސީނިއާ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ރެއާލަށް ކޯޗުކޮށްދިން ސަންޓިއާގޯ ސޮލާރީ އާއި މިހާރު އެ ޓީމުގެ ކޯޗަކަށް ހުރި ޒިނެދިން ޒިދާން ހިމެނެ އެވެ. ރައުލް ބުނީ އޭނާ ވެސް ކޮންމެވެސް ދުވަހަކުން ރެއާލް ސީނިއާ ޓީމަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށެވެ.

"ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ރެއާލް ކޯޗަކަށް ހުރުން. އަހަރެން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އުއްމީދުތައް ހުންނާނީ ވަރަށް މަތީގައި. މި ވަގުތު ރެއާލްގައި ޒިދާން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއްކަން ފާހަގަކުރަންޖެހޭ،" ރެއާލާ އެކު ކުޅުންތެރިއެއްގެ ގޮތުގައި 16 ތަށި އުފުލާލި ރައުލް ބުންޏެވެ.

ޔޫތު ޓީމުގައި ރައުލް ކުރަމުން އަންނަ މަސައްކަތަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ޝުކުރު އަދާކޮށްފަ އެވެ. ޕެރޭޒް ވިދާޅުވީ ރެއާލްގެ ޒުވާން ޓީމުން އަބަދުވެސް ރަނގަޅު ނަތީޖާތަކެއް ނެރުމަކީ ސީނިއާ ޓީމަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.