އަހަރެމެން އެންމެން ވެސް މަސައްކަތް ކުރަނީ މި ދުނިޔެ އަދި އުޚުރަވީ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށެވެ. އެ ދެ ދުނިޔޭގައި ވެސް އަމާންކަމާއި ސަވާބު ހޯދަން އެންމެން ވެސް ބޭނުންވެ އެވެ.
ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު ވިދާޅުވެ ދެއްވީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ކުރަންވީ ދުއާ އެވެ. އެއީ މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ވެސް އެކަމަށް އެދިވަޑައިގެން ﷲ އަށް އާންމުކޮށް ދަންނަވާ ދުއާ އެކެވެ.
އެ ދުއާގެ މާނައިގައި ވަނީ "އަޅަމެންގެ ވެރިރަސްކަލާކޯ އެވެ. ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން އަހަރެމެންނަށް ދެއްވާނދޭވެ. އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ،" މި އެވެ.
ޝައިހު ޒަކަރިއްޔާ ވިދާޅުވެދެއްވި ގޮތުގައި ކައުބަތުالله ގެފުޅު ވަށައިގެން ތޮވާފް ކުރާއިރު ރުކްނުލްޔަމާނީ އާއި ހަޖުރުލް އަސްވަދާ ދޭތެރޭގައި ކިޔުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ހަމައެކަނި ދުއާއަކީ ވެސް އެއީ އެވެ. މިއީ ތަކުރާރުކޮށް އަބަދުކުރާ ދުއާއެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށް ޝައިހް ޒަކަރިއްޔާ ވިދާޅުވި އެވެ.
"އަދި ހާއްސަ ގޮތެއްގައި އަހަރެމެން ހޭދަކުރަމުން މި ގެންދާ ބަރަކާތްތެރި ރަމަޟާން މަހުގެ މި ދުވަސްތަކުގައި ގިނަގިނައިން ދުއާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވާއިރުގައި މި ދުއާ ކިޔުން އެއީ އާދައެއް ކަމުގައި ހައްދަވާ،" ޝައިހު އެދިވަޑައިގަތެވެ.
ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިވެއްޖެ މީހާ އަށް ވުރެ ކާމިޔާބު މީހެއް ނުހުންނާނެކަން ކަށަވަރެވެ.