ތެހެރާން (ޖެނުއަރީ 7) - އެމެރިކާ އިން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ޖަނާޒާ އަށް މިއަދު ޖަމާވި މީހުން ގިނަވެގެން ގޮސް، ފިތިގެން 30 މީހުން މަރުވެއްޖެ އެވެ.
ސުލައިމާނީގެ އުފަން ކަރްމާން ސިޓީގައި ބޭއްވި ޖަނާޒާގައި ވަނީ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ޖަނާޒާ ކުރިއަށް ދިޔަ އިރު ކަރްމާންގެ މަގުތަކަށް ވަނީ "މިލިއަނުން" މީހުން ނުކުމެފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޖަނާޒާ އަށް ނުކުތް މީހުން ވަނީ އެމެރިކާ އާއި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަލާކަށް އެދި ގޮވައިފަ އެވެ.
ސުލައިމާނީގެ ސަންދޯއް ވެރިރަށް ތެހެރާނުގެ މަގުތަކުން އިއްޔެ ގެންދިޔަ އިރު ވެސް ވަނީ "މިލިއަނުން" މީހުން މަގުތަކަށް ނުކުމެފައި ކަމަށް އެ ގައުމުގެ ރަސްމީ ޓީވީން ވަނީ ބުނެފަ އެވެ. އަދި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމައިނީގެ ޖަނާޒާ އަށް 1989 ވަނަ އަހަރު މީހުން ނުކުތް އަދަދަށް ވުރެ އިއްޔެ ނުކުތް މީހުންގެ އަދަދު އިތުރު ކަމަށް ރަސްމީ ޓީވީން ބުނެފައިވެ އެވެ. އީރާނުގެ ގިނަ މީހުންނަށް ސުލައިމާނީ އަކީ ގައުމީ ބަތަލެކެވެ.
ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.