ތެހެރާން (ޖެނުއަރީ 21) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަކީ އެމެރިކާ އިން ކުރި ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ދުޝްމަން އެމެރިކާގެ ކިބައިން ވަރަށް ހިތި ގޮތަކަށް ހިފާނެކަމުގެ އިންޒާރު ގުދުސް ފޯސްގެ އާ ކޮމާންޑަރު އިސްމާއިލް ގާނީ ދެއްވައިފި އެވެ.

އެެމެރިކާ އިން ދިން ޑްރޯން ހަމަލާތަކެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުން ސުލައިމާނީ އަވަހާރަކޮށްލީ މި މަހު 3 ވަނަ ދުވަހު އެވެ. ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް އީރާނުން ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް މި މަހު 8 ވަނަ ދުވަހު މިސައިލް ހަމަލަދީފަ އެވެ. އޭގެ ފަހުން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގެންދަވަނީ މެދުއިރުމަތިން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލައްވަމުންނެވެ.

ރިވޮލިއުޝަނަރީ ގާޑުންގެ އިސް ކޮމާންޑަރުންނަށް ތައާރަފްވުމަށް އިއްޔެ ބޭއްވި ހަފުލާއެއްގައި ގާނީ ވިދާޅުވީ ސުލައިމާނީގެ ލޭގެ ބަދަލު ދުޝްމަނުންގެ ކިބައިން ހިތްވަރާ އެކު ހިފާނެ ކަމަށެވެ. އަދި ބާރުގެ ބޭނުން ކުރަން ނޫން ކަމެއް ދުޝްމަނުންނަށް ނޭނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގުދުސް ފޯސް އަކީ ރިވޮލިއުޝަނަރީ ގާޑުގެ ޕެރަމިލިޓަރީ ޔުނިޓެކެވެ. ގުދުސް ފޯސް އިން ރިޕޯޓް ކުރަން ޖެހޭނީ ޚާމަނާއީ އަށެވެ.

ސުލައިމާނީގެ ކޮމާންޑަރުކަމުގެ ދަށުން ގުދުސް ފޯސް އިން ވަނީ މެދުއިރުމަތީގައި އީރާނުގެ ނުފޫޒް ގަދަކޮށްފަ އެވެ.

ގުދުސް ފޯސްގެ ކޮމާންޑަރުގެ މަގާމަށް ގާނީ މި މަހު 3 ވަނަ ދުވަހު ހަމަޖެއްސުމަށް ފަހު ޚާމަނާއީ ވިދާޅުވީ "އެއީ ރިވޮލިއުޝަނަރީ ގާޑުގެ އެންމެ ކުޅަދާނަ އެއް ކޮމާންޑަރު" ކަމަށެވެ.

ސުލައިމާނީގެ ޖަނާޒާ އަށް ފަހު ގާނީ ވަނީ އޭނާ ވެސް ހިނގާނީ ސުލައިމާނީ ހިންގެވި މަގުން ކަމަށެވެ. އަދި ސުލައިމާނީގެ މަރުގެ ބަދަލު ހިފާނީ އެމެރިކާ ސިފައިން މެދުއިރުމަތިން ބާލައިގެން ކަމަށް ވިދާޅުވި އެވެ.

އީރާނުގެ އިރުއުތުރުގެ މަޝްހަދަށް އުފަން ގާނީ ރިވޮލިއުޝަނަރީ ގާޑާ ގުޅިވަޑައިގެންނެވީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުރި ގަލްފު ހަނގުރާމައިގައި އީރާނުގެ ލަޝްކަރުގައި ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ ފަހަރު ކުރި އީރާން-އިރާގު ހަނގުރާމައިގައި ވަނީ މިލިއަނެއްހާ މީހުން މަރުވެފަ އެވެ. ގަލްފު ހަނގުރާމަ އަށް ފަހު ގާނީ ވަނީ ރިވޮލިއުޝަނަރީ ގާޑްސްގެ އެއްގަމު ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސައިފަ އެވެ.

ގާނީ ގުދުސް ފޯސްއާ ގުޅުނު އިރެއް ނޭނގެ އެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނެފައި ވަނީ ގުދުސް ފޯސްގެ ޑެޕިއުޓީއަކަށް ގާނީ ހަމަޖެއްސީ 1997 ވަނަ އަހަރު އެވެ. ގުދުސް ފޯސްގެ ކޮމާންޑަރަކަށް ސުލައިމާނީ ވެސް ހަމަޖެއްސީ އެ އަހަރު އެވެ.