އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުން، އެ ގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ރާމާމަކުނެއްގެ ގޮތުގައި ފެންނަ ވީޑިއޯއެއް ޕޯސްޓްކުރުމަށް ފަހު ޑިލީޓްކޮށްފި އެވެ.
މި ޕޯސްޓާ އެކު، ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ތެރެއިން ވެސް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެ މިއީ ނަސްލީ ގޮތުން ކުރި ބޮޑު ފުރައްސާރައެއް ކަމަށް ބުނެފައިވެ އެވެ.
ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، ހުކުރު ދުވަހު މެންދުރުވާން އުޅެނިކޮށް ޕޯސްޓް ޑިލީޓްކޮށްލުމަށް ފަހު ވައިޓް ހައުސް އިން ބުނީ އެއީ ރައީސްގެ މުވައްޒަފަކަށް އޮޅިގެން ޕޯސްޓުކުރެވުނު އެއްޗެއް ކަމަށެވެ.
ސެނެޓުގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރާ ކަޅު ނަސްލުގެ ހަމައެކަނި މެންބަރު ކަމަށްވާ ޓިމް ސްކޮޓް ވެސް ވަނީ މިއީ ވައިޓް ހައުސްއިން މިހާތަނަށް ކުރި އެންމެ "ރޭސިސްޓް" އަމަލު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޕޯސްޓް ޑީލީޓްކުރުމަށް ޓްރަމްޕުގެ ކިބައިން އެދިވަޑައިގަތެވެ.
ޕޯސްޓް ޑިލީޓްކޮށްލީ އެއީ މުވައްޒަފަކަށް އޮޅިގެން ކުރެވުނު ޕޯސްޓެއް ކަމަށް ބުނެފައި ނަމަވެސް ވައިޓް ހައުސް އިން ކުރިން ވަނީ އެ ޕޯސްޓު ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. އޭރު ބުނީ އެއީ މާބޮޑު މައްސަލައެއް އޮތް ވީޑިއޯއެއް ނޫން ކަމަށާއި މީޑިއާއިން އެކަން މާ ބޮޑުކޮށްލައިގެން އުޅެނީ ކަމަށެވެ.
މި ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ޕޯސްޓް ޑިލީޓްކުރި ފަހުން ވައިޓް ހައުސް އިން ބުނީ އެއީ މުވައްޒަފަކަށް އެރި އޮޅުމަކުން ދިމާވި މައްސަލައެއް ކަމަށެވެ. އެކަމަކު އޭރު އެ ޕޯޓް އާންމުކުރިތާ 12 ގަޑިއިރު ވަނީ ވެފަ އެވެ.
މި ވީޑިއޯގައި ބުނަނީ 2020 ވަނަ އަހަރު ރިޔާސީ އިންތިހާބުން ޓްރަމްޕު ބަލިވީ ވޯޓިން މެޝިންތައް ބޭނުންކޮށްގެން އިންތިހާބު "ވަގަށް ނެގުމުން" ކަމަށެވެ. އަދި އެކަމާ ބެހޭ ސާބިތު ނުހިފޭ އެކި ތިއަރީތައް އޭގައި ކިޔަ އެވެ. އެ ވީޑިއޯގައި އޮބާމާ އާއި މިޝޭލް ރާމާމަކުނު ގޮތަށް ދައްކާލަނީ ވީޑިއޯ ނިމޭ ހިސާބުގައި ދެތިން ސިކުންތަށެވެ.
ސީއެންއެން އިން ބުނި ގޮތުގައި މި ޕޯސްޓުގެ މައްސަލައިގައި ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހި އެކަމުގައި މެންބަރުންނާ ވާހަކަ ދެއްކެވުމަށް ޓްރަމްޕަށް ވަނީ ހުށަހަޅުއްވައިފަ އެވެ.