އިނގިރޭސި ވިލާތުން ޗާގޯސްގެ އިސްތިއުމާރު ދޫކޮށްލައި އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަކީ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ޑީލަށް ތާއީދުކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަތަކަކަށް ފަހު ޓްރަމްޕު އޭނާގެ ސޯޝަލް ޓްރޫތު ޕްލެޓްފޯމްގައި ވިދާޅުވީ މޮރިޝަސް އަށް ޗާގޯސް ދޫކޮށްލަން ހެދި ޑީލުން ޑިއެގޯ ގާސިއާ (ފޯޅަވަހި) ގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަވެ އަދި އެކަމުގެ މައްޗަށް ޔަގީންކަން އިތުރަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ އެއްބަސްވުން ރޫޅާލައިފި ނަމަ، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ ބާރު ދެމި އޮތުމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސި ވިލާތާއި މޮރިޝަސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް ޑިއެގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެ އެވެ. އެއީ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ގެ ކުއްޔަކަށެވެ.
ޓްރަމްޕު އެންމެ ފުރަތަމަ އެ ޑީލަށް ރުހުން ދެއްވުމަށް ފަހު ދެކޮޅަށް ވާހަކަ ދެއްކެވީ މިދިޔަ މަހު އެވެ.
"އިންތިހާއަށް މުހިންމު ރަށެއް އިނގިރޭސި ވިލާތުން ދޫކޮށްލުމަކީ ވަރަށް ގަމާރު ނިންމުމެއް. އަދި އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ދިގު ލިސްޓުގައިވާ ކަންކަމުގެ ތެެރެއިން، ގްރީންލެންޑުގެ ކޮންޓްރޯލް ހޯދަންޖެހޭ އެއް ސަބަބު،" ޓްރަމްޕު މިދިޔަ މަހުގެ 20 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ނަމަވެސް ބޮޑުވަޒީރު ސްޓާމާއާ އެކު ދެއްކެވި ވާހަކަތަކަށް ފަހު، ކުރީގެ ވާހަކައާ ދިމާ އިދިކޮޅަށް ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި އެއީ އެ މައްސަލާގައި "ހެދޭނެ އެންމެ ރަނގަޅު ޑީލް" އެވެ.
"އެކަމަކު، [ޑިއެގޯ ގާސިއާ] ކުއްޔަށް ދޫކުރަން ވެފައިވާ އެއްބަސްވުން ކުރިމަގުގައި ރޫޅިއްޖެ ނަމަ ނުވަތަ އެ މަރުކަޒުގައި އެމެރިކާ ގާއިމުވެ ތިބުމަށް ގޮންޖެހުމެއް އެއްވެސް ފަރާތަކުން ކުރިމަތިވެއްޖެ ނަމަ، އެމެރިކާ ސިފައިން އެތަނުގައި ދެމި ތިބޭނެކަން ކަށަވަރުކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ހައްގު ދުލެއް ނުކުރާނަން،" ޓްރަމްޕު އިންޒާރު ދެއްވި އެވެ.
ސްޓާމާ އާއި ޓްރަމްޕުގެ ފޯން ކޯލްގައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމާ ބެހޭ އެއްބަސްވުން ތަންފީޒުކުރުމުގައި ދެ ގައުމު ގާތުން މަސައްކަތްކުރުމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ. -- އޭއެފްޕީ