މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ޕާސްޕޯޓު އޮންނަ މީހުން މިސްރަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ޓޫރިސްޓު ވިސާ ލިބޭނެ ކަމަށެވެ. އެކަމަކު ވިސާ ފީގެ ގޮތުގައި 25 އެމެރިކާ ޑޮލަރު (385ރ.) ދައްކަންޖެހޭނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، 30 ދުވަހަށް ވުރެ އިތުރަށް، މިސްރަށް ޒިޔާރަތްކުރާ މީހުންނާއި ވަޒީފާ އަދާކުރަން ނުވަތަ ތައުލީމް ހާސިލްކުރުމަށް ނުވަތަ ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން އެ ގައުމަށް ދަތުރުކުމުގެ ކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށެވެ.
މިހާރު ވެސް ދިވެހި ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނުނަގައި ދަތުރުކުރެވެ އެވެ.
އޭގެ ތެރޭގައި ރަޝިއާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ.