އަވަހަށް ތައްޔާރުކޮށްލެވޭ، ޒަމާނީ އަދި އަގު ހެޔޮ ކާނާއެއްގެ ގޮތުގައި މަޝްހޫރު އެކަމަކު އެންމެ އަސާސީ ނިއުޓްރިޝަން ވެސް މަދުން ހުންނަ ނޫޑްލްސްގެ ސަބަބުން އޭޝިއާގެ އެތައް މިލިއަން ކުޑަކުދިންނެއްގެ ދުޅަހެޔޮކަން ގެއްލި ބަރުދަން ލުއިވުމުގެ މައްސަލަޔާ ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ޔުނިސެފުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ފިލިޕިންސް، އިންޑޮނީޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމާ އެކު، ވަޒީފާ އަދާކުރާ މައިންބަފައިންނަށް އެ މީހުންގެ ދަރިން ނޫޑުްލްސްއާ ދުރުކުރަން ވަގުތު ވެސް ނުވާ ކަމަށާއި އެ ކާނާއާ ދުރުކުރަންޖެހޭ ކަން އެނގޭ ވަރަށް ހޭލުންތެރިކަން ވެސް އުފެއްދިފައި ނެތް ކަމަށެވެ.

މި ތިން ގައުމަށް ބަލާއިރު އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން 40 ޕަސެންޓަކީ މެލްނަރިޝްޑް ނުވަތަ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނެތް ކުދިންނެވެ. މި ނިސްބަތަކީ ނިއުޓްރިޝަން މަދުވުމުގެ މައްސަލަ މުޅި ދުނިޔޭގައި އޮތް އެވްރެޖް ނިސްބަތަށް ވުރެ ވެސް މަތީ އަދަދެކެވެ. މުޅި ދުނިޔެ އަށް ބަލާއިރު މި ނިސްބަތަކީ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖެކެވެ.

"ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ކުދިންގެ ބަނޑު ފުރާލުމަކީ އެންމެ މުހިންމު ކަންތަކޭ. އެކަށީގެންވާ ޕްރޮޓީން އާއި ކެލްސިއަމާއި ފައިބަ ހަށިގަނޑަށް ލިއްބައިދޭތޯއެއް ނުވިސްނާ،" އިންޑޮނީޝިއާގެ ޕަބްލިކް ހެލްތު އެކްސްޕާޓެއް ކަމަށްވާ ހަސްބުﷲ ތަބްރާނީ ވިދާޅުވި އެވެ.

ޔުނިސެފުން ބުނީ މިއީ ކުދިންނަށް ވަގުތީ ގޮތުން އަދި ކުރިމަގުގައި ވެސް ދެވޭ ގެއްލުމެއް ކަމަށެވެ. ކުދިންގެ ހަށިގަނޑުގައި އަޔަން މަދުވުމުން، ކިޔެވުމަށް ދަށްވުމާއި ކަންކަން ދަސްކުރުމުގެ ހުނަރު ނިކަމެތިވާ ކަމަށާއި އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވުމުގެ ނުރައްކާ ވެސް ބޮޑުވާ ކަމަށް ވެސް ބުންޏެވެ.

ޔުނިސެފްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އިންޑޮނީޝިއާގައި އުމުރުން ފަސް އަހަރުން ދަށުގެ 24.4 މިލިއަން ކުދިން ތިއްބެވެ. އަދި ފިލިޕިންސްގައި 11 މިލިއަން އަދި މެލޭޝިއާގައި 2.6 މިލިއަން ކުދިން ތިއްބެވެ.

ޔުނިސެފްގެ އޭޝިއާ ނިއުޓްރިޝަން ސްޕެޝަލިސްޓް މުއީނީ މުތުންގާ ވިދާޅުވީ، އޭޝިއާގައު ކުރިން ސުރެ ކައި އުޅުނު އެއްޗެހި ދޫކޮށް ޒަމާނީ އަދި އަވަހަށް ތައްޔާރުކޮށްލެވޭ ކާނާ އަށް މިހާރު އިސްކަންދޭ ކަމަށެވެ.

"ނޫޑްލްސް އަކީ ރައްޔާރުކޮށްލަން ފަސޭހަ އެއްޗެއް. އަގު ހެޔޮ އެއްޗެއް. ބެލެންސްޑް ޑައެޓެއް ތައްޔާރުކުރުމަށް ވުރެ މާ ފަސޭހައިން އަވަހަށް ނޫޑްލްސް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން ބުނީ ކުޑަކުދިންނަށް ނޫޑްލްސް ދިނުން އާންމުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ގައުމުތަކުގައި ފަގީރުކަން މާބޮޑަށް އޮތުން ކަމަށެވެ. -- އޭއެފްޕީ ރިލެކްސް ނިއުސް