ދުނިޔޭގައި މިހާރު އުފައްދާ އެންމެ ކުޅި ނޫޑުލްސް ކައިގެން މީހަކު އިރުކޮޅަކަށް ބީރުވެއްޖެ އެވެ. އެންމެ ކުޅިކަމަށް މަޝްހޫރު ޓަބެސްކޯ ސޯސް އަށް ވުރެ މި ނޫޑުލްސް 5000 ގުނަ ކުޅި ކަމަށްވެ އެވެ. މި ނޫޑުލްސް ކެއުމުން ދެ މިނިޓެއްހާއިރަށް ބީރުވި ކަމަށް މި މީހާ ބުނެ އެވެ.
ބެން ސުމެދިވީރިއާ، 22، އަކީ ލަންޑަންގައި އުޅޭ މީހެކެވެ. އޭނާ ކުޅި ނޫޑްލްސް ކެއީ އިންޑޮނީޝިއާގެ ޖަކާޓާގެ ރެސްޓޯރެންޓަކުންނެވެ.
"ޑެތު ނޫޑުލްސް"ގެ ނަމުން ނަން ދީފައިވާ މި ނޫޑުލްސް ތައްޓަށް 100 ބާޑް އައި ޗިލީ ނުވަތަ ތޮޅި މިރުސް ހިމުންކޮށްފައި އަޅާފައި ހުރެ އެވެ. ބެން މި ނޫޑްލްސް ކާން ފެށުމާ އެކު ދާހިއްލަން ފެށި އެވެ. އަދި ބޯ އަނބުރާތީ ފެން އަޅައިގެން ބޯ ތެންމަން ޖެހުނެވެ. އަދި ދެ މިނިޓެއް ހާއިރަށް އޭނާ އަށް އަޑެއް ވެސް ނީވެ އެވެ.
ކައްކާއެއް ކަމަށްވާ ބެން ބުނި ގޮތުގައި މިއީ އޭނާ މިހާތަނަށް ކޭ އެންމެ ކުޅި ކެއުމެވެ. އޭގެ ނޫޑުލްސްކޮޅެއްގެ ރަހަ ބަލާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދާހިއްލާފޯވެ ހޮޑުލެވޭގޮތް ވީކަމަށް އޭނާ ބުނެފައިވެ އެވެ.
"އެ ނޫޑްލްސް ކޭ އެންމެން ވެސް ދުވެފައި ބޭރަށް ނުކުމެ މަގުމައްޗަށް ހޮޑުލީ. މި ނޫޑްލްސް މަޝްހޫރުވެފައި ވަނީ "ޑެތު ނޫޑްލްސް"ގެ ނަމުން. މި ރަށުގެ ބައެއް މީހުން މީގެ ނޫޑްލްސް ތައްޓެއް އެއްވެސް ޖެހިލުމެއްނެތި ކާލާ. އަހަންނަށް ހީވަނީ އެއީ ވަރަށް މޮޔަކަމެއްހެން،" ބެން ބުނެފައިވެ އެވެ.
ބެން ބުނި ގޮތުގައި ހިސާބު ހަދައިގެން ބެލިއިރު މި ނޫޑްލްސް އަކީ ހަމަ ހަގީގަތުގައި ވެސް ދުނިޔޭގެ އެންމެ ކުޅި ކެއުމެވެ. މިއީ ވިޔަފާރީގެ ގޮތުގައި ވިއްކަން ހުންނަ އެންމެ ކުޅި ނޫޑްލްސް އަށް ވާނެކަމާ މެދު ބެން ޝައްކެއް ނުކުރެ އެވެ.
ބެން ބުނި ގޮތުގައި އޭނާ އަކީ އާއްމުކޮށް ކުޅިކޮށް ކައިއުޅޭ މީހެއް ވެސް ނޫނެވެ. ނަމަވެސް އޭނައަކީ މީހަކު ޗެލެންޖްކޮށްފި ނަމަ އެކަމެއް ކުރާނެ މީހަކަށް ވާތީ މި ނޫޑްލްސް ވެސް ކެއީ އެވެ.
"އިރުކޮޅަކަށް އަހަރެން ބީރުވި. އަނގައިގެ ދިލަވެސް އެތައް ގަޑިއިރެއް ވަންދެން ހުރި." ބެން ބުންޏެވެ.
މި ނޫޑްލްސް ކާން ފެށުމުން ބެން އަށް ކުޅިވެގެން އޭނާގެ ގަމީސް ބާލައި ފެން އެއްޗަކަށް ބޯ ކޮއްޕައިގެން ވެސް އޮތެވެ. އަދި ހައެއްކަ ތަށި ފެނާއި މިލްކް ޝޭކް ބޮއެ ފިނިކޮށްފައި ހުރި ދޮންކެޔޮ ވެސް ކައިފައިވެ އެވެ. އެތައް ފަހަރަކު ހޮޑު ލެވުމުން ވެސް ކުޅި މައިތިރި ނުވި ކަމަށްވެ އެވެ.
"އެ ނޫޑްލްސްގެ ރަހައެއް އެއްވެސް މީހަކަށް ނުލާނެ. އޭގެ ކުޑަ އެތިފުކެއް ކާލާއިރަށް ކުޅިވެގެން ގޮސް ހޫނުގަނޑު އަރައިގަނެގެން ދެން ނޭނގޭނެ ވާގޮތެއް ވެސް،" ބެން ބުނެފައިވެ އެވެ.