ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ވެސް މިއަދު ބައްދަލުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމްގެ އަރިހުގައި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
ގާސިމްގެ ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ނަޝީދަށް ރަސްމީކޮށް މަރުހަބާ ދެންނެވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަަރު ގާސިމް ކަމަށް ވާއިރު، އޭނާގެ ސަން އައިލެންޑް ރިސޯޓަށް ނަޝީދުު ލޯންޗުގައި ވަޑައިގަތީ ވެސް ގާސިމާއެކުގަ އެވެ.
ނަޝީދު، ގާސިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގެންނެވި ނަމަވެސް ދެ ބޭފުޅުންގެ މަޝްވަރާގެ ތަފުސީލެއް އަދި ތިލައެއް ނުވެ އެވެ. ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި ނަޝީދު ސިޔާސީ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވާކަން ވަނީ އެނގިފަ އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާ މަޝްވަރާ ކުރައްވަން ވެސް ނަޝީދު މިއަދު މަަސައްކަތްޕުޅު ކުރެއްވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި، ސިޔާސީ މަޝްވަރާ ކުރައްވަން ނަޝީދު އުޅުއްވުމުން އިދިކޮޅު މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވަޑައިނުގަންނަވާ ގޮތަށް ސިޔާސީ މަޝްވަރާ ނުކުރެއްވޭނެ ކަމަށް ނަޝީދަށް ދަންނަވާފައިވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވެ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ 2008 ގައި ފެހި ގާނޫނުއަސާސީ އެކުލަވައިލިއިރު އޭގެ ބޮޑު ބައިގައި ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަން ކަމަށެވެ.
އެކަމަކު އެންމެ ފަހު މަރުހަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރިޔާސީ ސިފައެއް ކަނޑައަޅުއްވައި ސަރުކާރެއް އެކުލަވާލަން ނިންމެވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ 12،13 އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުއަސާސީ ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އަޅުގަނޑު މި ހުށަހަޅަނީ، އަޅުގަނޑުމެންނަށް ބާރުތައް ޕާލިމަންޓާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ޕަވަރު ސެންޓަރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބުކުރެވި، އޮމާންވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ބޮޑެތި ހިޔާލުތަފާތުވުންތަކުގައި ގުޅުން ގޯސްވެ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަން ނަޝީދު އިއުލާނު ކުރެއްވި ފަހުން، އެ މަނިކުފާނު ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވީ އިއްޔެ އެވެ. މި ބައްދަލުވުމުގައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ވާހަކަތައް ނަޝީދު ދެއްކެވި ކަަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ
އެކަމަކު ދެ ބޭފުޅުންނަށް އެއްބަސްނުވެވި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ނިޒާމް ބަދަލުކުރުމުގެ މައްސަލައިގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.