ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެ ކަމަށް ވަރަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އިންޑިއާއަށް ދާން ވިސާ ހޯދުމުގައި ދަތިވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ވިސާ ހޯދުމަށްޓަކައި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދުރާލާ އެޕޮއިންޓްމަންޓް ހޯދަން ޖެހުމާއި ގިނައިރު ކިއޫގައި ތިބެން ޖެހޭތީ އެކަމަށް ފާޑުކިޔުންތައް އަމާޒުވެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ދިއުމަށް ވިސާ ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް ދިވެހިންނަށް ބޭސްފަރުވާއަށް ދާން އެ ގައުމުން ވިސާ ދޫކުރަނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ޓްވީޓްގައިވަނީ ބޭސްފަރުވާއަށް ދާން ވިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝާހިދު ޓްވީޓްގައިވެ އެވެ.
ބޭސްފަރުވާ ނޫން ބޭނުންތަކުގައި އިންޑިއާއަށް ދާ ނަމަ، އޮންއެރައިވަލް ވިސާ ދިވެހިންނަށް މިހާރު ވެސް ލިބެ އެވެ. އެކަމަކު ބޭސްފަރުވާއަށް ދާ ނަމަ، އެކަމަށް ދުރާލާ ވިސާ ހޯދަން ޖެހެނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ.