ރާއްޖެ އާއި އިންޑިއާ އިން، އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި، އިންޑިއާގައި މިހާރު ހުންނެވި ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިސާގެ އާ އެއްބަސްވުމުގައި ސޮއިކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ކަމަށެވެ. ރައީސް، އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ.
"އޭގެ [ވިސާގެ އާ އެއްބަސްވުމުގެ] ސަބަބުން، އިންޑިއާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
ޝާހިދު، އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިއަދުގެ ބައްދަލުވުމުގައި ވިސާގެ ކަންތަކާ ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާ ދަތުރުގައި، ސުޝްމާއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އުފާވެރިކަމާއި ހިތްހަމަޖެހުން، އެ މަޝްވަރާތަކުން ފާހަގަކުރެއްވުނު ކަމަށެވެ. ނަމަވެސް ސުޝްމާއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލެއް މިނިސްޓަރު އޭރު ނުދެއްވަ އެވެ.