ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރި އިރު ކަރެކްޝަންސްއިން ކުރި އެއްވެސް ޝަރުތަކާ އެ މަނިކުފާނު ހިލާފުވެވަޑައިނުގަންނަވާ ކަމަށް ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ބައިވެރިން، ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް ޖަމާވުމުން، އެ ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރައްވައި، ޕީޕިއެމްގެ ދިދަ އަދި ގައުމީ ދިދަ ވިހުރުވައި، ހެއްދެވި މައްސަލައިގައި ކަރެކްޝަންސް އިން ބުނެފައިވާ ވާހަކަތަކާ ގުޅިގެންނެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން އަމަލުކުރެއްވީ ގޭ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޕްރިޒްންސް ކޮމިޝަނަރަށް ރައްދު ދެއްވައި، ޔާމީންގެ ވަކީލު ސިޔާޒު ވިދާޅުވީ، ކަރެކްޝަންސް އިން ޔާމީން ގޭބަންދު ކުރިއިރު ކޮށްފައިވާ އެއްވެސް ޝަރުތަކާ އެ މަނިކުފާނު ހިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޔާމީން ގާނޫނާ ގަވައިދާ ހިލާފު ކަމެއް ވެސް ނުކުރައްވާ ކަމަށް ވަކީލުގެ ޓުވީޓުގައި ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިދިކޮޅުން މިިރޭ ނެރުނު ބަޔާނެއްގައި ވެސް ބުނީ، ކުޑަދޮރުން ނުކުމެ، ބަޔަކަށް ސަލާމް ގޮވައިލުމަކީ ގޭބަންދުގައި ހުރި މީހަކަށް ކުރުން އެއްވެސް ގާނޫނެއްގައި އަދި ގަވައިދެއްގައި މަނާކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އެހެންވެ، ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ވިދާޅުމުން ކަންބޮޑުވާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ވެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ، ޔާމީން ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ނުކުރައްވާ ކަމަށާއި ގޭބަންދުގެ އިގުރާރާ ހިލާފު ކަމެއް ވެސް ނުކުރައްވާ ކަމަށެވެ.
އޭނާ ނުސީދާކޮށް ތުުހުމަތު ކުރެއްވީ އިންސާފު ހޯދަން މިއަދު މަގުމައްޗަށް ނުކުތުމުން ސަރުކާރުން އެކަން "ހަޖަމު" ނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ޔާމީން ހައްދަވަން އުޅުއްވާ ކަމަށެވެ.
ހުކުމެއްގައި ހުންނަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި ވަނީ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ. އަދި ޔާމީންގެ ވެރިކަމުގައި ހުކުމެއްގައި ގޭބަންދުގައި ހުންނަވައިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ފިތުރު އީދު ދުވަހެއްގައި ގޭގެ ބެލްކަނީން ފެންކުޅީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އިދިކޮޅުގެ ސަޕޯޓަރުން މިކަންކަން ފާހަގަ ކުރަމުން ބުނަމުން ދަނީ އޭރު އެކަން މައްސަލައަކަށް ނުވާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އެކަން އެ ގޮތަށް ކުރައްވާފައި، ޔާމީން ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރެއްވުމަކީ މައްސަލައަކަށް ހެދުމުން އިދިކޮޅުން ކަންބޮޑުވެ އެވެ.
ކަރެކްޝަންސް އިން ކުރިން ބުނެފައި ވަނީ ޔާމީން ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލަތަށް ވެސް ބަލާފައި ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.