ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި އެއްވުމުގައި، ގޭބަންދުގައި ބަހައްޓާފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމް އޮފީހުގެ ދޮރުމަތިން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ފެށި ހިނގާލުން ކާނިވަލާ ހިސާބުން ފުލުހުން ހުއްޓުވުމުން އެ އަށް ވުރެ ކުރިއަށް ނުގޮސް، ފަހުން ސަޕޯޓަރުން އެއްވީ ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިއަށެވެ. އެ ވަގުތު ދޫވެހީގެ ކުޑަދޮރަކުން ބޯދިއްކުރައްވައި، ޔާމީން މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕިއެމްގެ ދިދަ އަދި ގައުމީ ދިދަ ވިހުރުވައި، ހެއްދެވި އެވެ. ފަހުން އަތްޕުޅުން ސަޕޯޓަރުންނަށް އިޝާރާތް ކުރެއްވި އެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޔާމީން އަމަލުކުރެއްވީ ގޭ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަހުމަދަށް ގުޅޭ ގޮތެއް ނުވުމުން، އަޅާނެ ފިޔަވަޅެއް ސާފެއް ނުވި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވެސް ވިދާޅުވީ، އެކަމުގައި އަޅާނެ ފިޔަވަޅެއް އެނގޭނީ އަދި ފަހުން ކަމަށެވެ. ޔާމީން އަލުން ޖަލަށް ބަދަލު ކުރާނެތޯ ނުވަތަ ނޫންތޯ ވެސް ސާފެއް ނުވި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ހުކުމްތަކުުގައި ތިބޭ މީހުންނަށް މަނާ ކަމެކެވެ.
މީގެ ކުރިން ކަރެކްޝަންސްއިން ބުނެފައި ވަނީ ޔާމީން ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލަތަށް ވެސް ބަލާފައި ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ. މިއަދުގެ މުޒާހަރާގައި، އެ މަނިކުފާނު މިނިވަން ކުރަން އިދިކޮޅުން ގޮވައިލީ އެ ހުކުމަކީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ބާތިލު ހުކުުމެއް ކަމަށް ބުނެ އެވެ.
ޔާމީން ޖަލަށްލި ހުކުމުގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަން މިހާރު ދަނީ ތައްުޔާރުވަމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.