ފުވައްމުލަކު އެއާޕޯޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ފުރަން އުޅުނު މޯލްޑިވިއަންގެ މަތިންދާ ބޯޓު ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް މިއަަދު ވިދާޅުވީ އުމުރުން 34 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހާ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ފްލައިޓް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު އެ މީހާ ދިނުމުން ފްލައިޓް ޑިލޭ ވެސް ކުރި އެވެ.