އައިޖީއެމްއެޗުގެ އިމަޖެންސީ ބަޔާއި އެކްސްރޭގެ ހިދުމަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގައި ދެންމެ އަވަހަށް ކުރާނީ އިމަޖެންސީ ބައި ތަރައްގީކުރުމުގެ މަސައްކަތެވެ. އެ ތަން ޑިޒައިންކޮށް، ޕްލޭންތައް ހަދާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުމެންނަށް އެއްފަހަރާ ހުރިހާ މަސައްކަތެއް ނުކުރެވޭނެތީ މިހާރު އަޅުގަނޑުމެން މި ނިންމާލި މަސައްކަތާ އެކު، ތިރީގައި މިހާރު ހުރި އައިސީޔޫ އާއި އެ ތަންތަން އަޅުގަނޑުމެން މައްޗަށް ޝިފްޓުކުރުމާ އެކު، ތިރި އަޅުގަނޑުމެންނަށް ހުސްކުރެވޭނެ. ހުސްކޮށްފައި އީއާރު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ދެން ކުރާނީ،" މައުސޫމް ވިދާޅުވި އެވެ.

އިމަޖެންސީ ބައި މަރާމާތުކޮށް ތަރައްގީ ކުރާއިރު، އެ ތަނުގައި ހުންނަ ކޮޓަރި އާއި އެނދުގެ އަދަދު އިތުރުކޮށް، ޒަމާނީ ވަސީލަތްތައް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އަދި އިމަޖެންސީގައި ޑޮކްޓަރަށް ދައްކަން މިހާރު ގެންގުޅޭ އުސޫލު ހަރުދަނާކޮށް، އިމަޖެންސީގެ މިންވަރު ކަނޑައަޅާ ރަތް، ރީދޫ އަދި ފެހި ޒޯންތައް ވަކިކުރާނެ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މަގުތައް ބަދަލުކޮށް، ބަލި މީހުން ގެންދިއުމުގައި މިހާރަށް ވުރެ ފަސޭހަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، އެކްސްރޭގެ ހިދުމަތް ފުޅާކޮށް، ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އެ ގޮތުން، އެކްސްރޭ ރޫމްތައް މިހާރަށް ވުރެ ބޮޑުކޮށް، އެ ތަނުގައި އެންމެ ޒަމާނީ ފެންވަރުގެ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އިމަޖެންސީ ބަޔާއި އެކްސްރޭގެ ހިދުމަތް ތަރައްގީ ކުރަން ފަށާނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗުން ވަނީ މިދިޔަ ޖުލައި މަހު ޑިޖިޓަލް އެކްސްރޭގެ ހިދުމަތް ފުރަތަމަ ފަހަރަށް ފަށައިފަ އެވެ.

އިމަޖެންސީ ބަޔާއި އެކްސްރޭގެ ހިދުމަތް ތަރައްގީ ކުރަން ފަށާއިރު، އައިޖީއެމްއެޗުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ އާ ހިދުމަތްތަކެއް ވެސް ފަށައިފަ އެވެ. އެއީ ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ ސެންޓަރަކާއި އާ އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސަކާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރަކާއި އާ އައިސީޔޫއެއްގެ އިތުރުން، އޮޓޮމޭޓެޑް ލެބޯޓްރީ ނިޒާމެކެވެ.