އަމިއްލަ އަށް ހަށިގަނޑު ޕޮޒިޝަންކޮށްގެން އެކްސްރޭ ނަގާ، ޑިޖިޓަލް އެކްސްރޭ މެޝިނެއް އައިޖީއެމްއެޗުގައި ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބު ވިދާޅުވީ ރާއްޖޭގައި އަލަށް ބެހެއްޓި މި މެޝިނުން ހިދުމަތް ދޭން ފެށުމުން، އެކްސްރޭ ނެގުމުގެ ހިދުމަތް އަވަސްވެ، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި މެޝިނުން އެކްސްރޭ ނަގާއިރު އެއްވެސް ވަރަކަށް ހަށިގަނޑު ހަރަކާތް ކުރާކަށް ނުޖެހޭނެ އެވެ.

"އާއްމުކޮށް އެކްސްރޭ ނަގާއިރު ހަށިގަނޑު އެބަ މޫވްކޮށް އެޖެސްޓް ކުރަން ޖެހޭ. އެއް ފަރާތުން އަނެއް ފަރާތަށް އަނބުރާ ނުވަތަ ބަލިމީހާ އުފުލާ ކަންތައް ކުރަން ޖެހޭ. އެކަމަކު މި މެޝިނުން އެކްސްރޭ ނަގާއިރު މީހާ ކޮންމެ ގޮތަކަށް ހުރި ނަމަވެސްް ބޭނުންވާ ތަނެއްގެ އެކްސްރޭ ނަގައިދޭނެ،" ޒީނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާލަކު 800-1000އާ މީހުން އެ ހޮސްޕިޓަލުން އެކްސްްރޭގެ ހިދުމަތް ހޯދާއިރު، މި މެޝިން ބެހެއްޓުން ވެގެންދާނީ ހިދުމަތް އަވަސްވެ، ގިނަ ބަޔަކަށް އޭގެ މަންފާ ކުރާނެ ކަމަކަށެވެ.

މިއީ އައިޖީއެމްއެޗުން ހަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބެހެއްޓި މެޝިނެކެވެ. އެ ހޮސްޕިޓަލުން ބުނީ މި ހިދުމަތް ވެސް އާސަންދައިގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

އައިޖީއެމްއެޗުގައި އަލަށް ބެހެއްޓި އެކްސްރޭ މެޝިން
އައިޖީއެމްއެޗުގައި އަލަށް ބެހެއްޓި އެކްސްރޭ މެޝިން

އައިޖީއެމްއެޗުގައި ކުރިން އެކްސްރޭގެ ހިދުމަތް ދޭން ބޭނުން ކުރަނީ އާދައިގެ މެޝިނަކާއި ވޯޑުތަކަށް ގެންގޮސް، އެތަނުގައި އެޑްމިޓުކޮށްފައި ތިބޭ ބަލިމީހުންނަށް ހިދުމަތް ދިނުމަށް ބޭނުން ކުރާ މޮބައިލް ޑިޖިޓަލް އެކްސްރޭ މެޝިނެކެވެ.

އައިޖީއެމްއެޗުން ދޭ ހިދުމަތްތަކަށް މި ފަހުން ވަނީ ބޮޑެތި ކުރިއެރުންތައް ގެނެސްފަ އެވެ. އެގޮތުން ހިތުގެ ބަލިތަކަށް ފަރުވާ ކުރުމަށް ނެޝަނަލް ކާޑިއެކް ސެންޓަރެއް ވަރަށް ފަހުން ހުޅުވާފައިވާއިރު މިތަނުން، ކުރިން ރާއްޖޭގައި ލިބެން ނެތް ހިދުމަތް ކަމަށްވާ އެންޖިއޮގްރާމް އާއި އެންޖިއޮޕްލާސްޓީގެ ހިދުމަތް ދެ އެވެ.