ކޮވިޑްގެ ލޮކްޑައުންތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ފެށުނު ކަންކަން ބައިވަރެވެ. ގިނައީ ފެށުނު ކުދިކުދި ވިޔަފާރިތަކެވެ. އެކަމަކު ހދ. ހަނިމާދޫ ޒުުވާނުން ފެން ކަފާފައި ގޮސް ފެށީ އުދުހޭށެވެ. ކުއްލިއަކަށް ކައިޓް ސާފިންއަށް މާބޮޑު ފޯރިއެއް ހިފީ އެވެ.

މި ޒުވާނުން ކައިޓް ސާފްކުރަން ފެށުން ހާއްސަވީ ގެންގުޅޭ ބޯޑުތަކުންނެވެ. އެ ހުރިހާ ބޯޑަކީ ވެސް ރަށުގެ ޒުވާނެއްގެ އުފެއްދުމެކެވެ. ކައިޓް ސާފިން އަށް ބޭނުންވާ ބޯޑުތައް ހަދައިދިނީ މުހައްމަދު ޝަހީމެވެ.

މި ހުރިހާ ކަމެއް ފެށުނީ ޝަހީމް މިދިޔަ އަހަރު ކައިޓް ސާފް ކުރަން ފަށަން އުޅުމުގެ ތެރޭގަ އެވެ. މީގެކުރީން ވިންޑް ސާފްކޮށް ވެސް އުޅުނު ޝަހީމަކީ މަޝްހޫރު ކައިޓްސާފާ އަހުމަދު ހަމްދާން (ހަމްބެ)ގެ އެކުވެރިއެކެވެ. ކައިޓްސާފްކުރަން ފެށުމަށް ޝަހީމަށް އެކި ފަހަރު ހަމްބެގެ ފަރާތުން ލަފާ ދިނެވެ.

ހަނިމާދޫގައި އަމިއްލަ ކައިޓްބޯޑުތައް ހަދާ މުހައްމަދު ޝަހީމް
ހަނިމާދޫގައި އަމިއްލަ ކައިޓްބޯޑުތައް ހަދާ މުހައްމަދު ޝަހީމް

"ހަމްބެ އަބަދުވެސް ކިޔާނެ ކައިޓް ސާފްކުރަން އުޅެން ހިނގާށޭ. އެންމެފަހުން ކައިޓެއް ގަތީ. އެކަމު އެ ގަނެފައި ވެސް އަހަރެއް ވަރު ހަމަ އޮތީ އެ ގޭގައި ބޭނުން ނުކޮށް،" ޝަހީމް ކިޔައިދިނެވެ.

ކައިޓްބޯޑު އެހެން ގޭގައި އޮންނަތާ އަހަރެއް ވެސް ފަހުން އައީ ކޮވިޑްގެ ބޮޑު ލޮކްޑައުން އެވެ. ލޮކްޑައުންގެ ތެރޭގައި އިތުރު އެއްވެސް ކަމެއް ނެތުމުން ރަށުގައި ކައިޓްސާފް ކުރަން ފަށަން އޭނާ ބޭނުންވި އެވެ. ނަމަވެސް އޭނާ ކައިޓް ސާފްކުރަން ފެށުމަށް ވިސްނައިގެން ހުރީ ރަށްޓެއްސަކާ އެކުގަ އެވެ.

ޝަހީމްގެ ރަށްޓެއްސަކާ އެކު ކައިޓްސާފް ކުރަން ފަށަން ބޭނުންވިޔަސް އެ ދުވަސްވަރަކީ ލޮކްޑައުންގެ ދުވަސްވަރަށް ވުމުން ކައިޓްބޯޑު ހޯދުމާއި އެނޫން ވެސް އެކި ކަހަލަ ދަތިތަކާ ކުރިމަތި ވި އެވެ. އެހެންވެ ޝަހީމް ވިސްނީ ކައިޓްބޯޑެއް ހަދާށެވެ.

ލަކުޑިން ކައިޓްބޯޑު ހަދައި ނިންމާލީ އޭނާ ގަތް ކައިޓްބޯޑު އަސްލަކަށް ބަލައިގެންނެވެ.

"އެ ކައިޓްބޯޑުގެ ފިން ވެސް އިންނާނީ ހަމަ ލަކުޑިން ހަދާފައި. އެކަމު އެ ބޯޑުން އެންމެ ފުރަތަމަ ތަންކޮޅެއް ބަރުވީ،" ޝަހީމް ބުންޏެވެ.

އޭނާގެ ބޯޑު ހެދުމަށް ފަހު އެއާ ގުޅޭގޮތުން ހިޔާލު ހޯދަން ހަމްބެ ބޯޑު ފޮނުވި އެވެ. ހަމްބެގެ ފަރާތުން ވެސް ލިބުނީ ވަރަށް އުއްމީދީ ޖަވާބުތަކެކެވެ. އަދި އެއާއެކު ބޯޑު އިތުރަށް ތުނިކޮށްލުމަށް ފަހު އެންމެ ފަހުން ބޯޑާ އެކު ފެންގަނޑު ކަފަމުން އުދުއްސާލީ އެވެ.

ޝަހީމްގެ ބޯޑާ އެކު ރަށުގައި ކައިޓްސާފިން ވަރުގަދަ ކުޅިވަރެއްގެ ގޮތުގައި ފެށޭނެ ކަމަކަށް އޭނާ އެއްވެސް ވަރަކަށް ހިއެއް ނުކުރެ އެވެ.

ރަށުގެ ޒުވާނުންގެ އަތުގައި ޝަހީމްގެ ބޯޑު

ޝަހީމްގެ ފުރަތަމަ ބޯޑު މިދިޔަ އަހަރު ހެދި ފަހުން މިހާރު ރަށުގައި ކައިޓްސާފްކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ވަރަށް ގިނަ ޒުވާނުން އެކަމަށް ޝައުގުވެރި ވެއްޖެ އެވެ.

ކައިޓްސާފް ކުރަން ބޭނުންވާ ކުދިންނަށް ޝަހީމް އަންނަނީ ސާފްބޯޑު ހަދައިދެމުންނެވެ. މިހާރު ރަށުގައި 12 ވަރަކަށް ޒުވާނުން އާންމުކޮށް ކައިޓްސާފްކުރެ އެވެ. ޝަހީމް ވަނީ އެ ޒުވާނުންނަށް ކައިޓްބޯޑު ހަދައިދީފަ އެވެ.

"މަޅުގަނޑު"ގެ ނަމުގައި ކައިޓްސާފް ޓީމެއް ހަނިމާދޫގައި މިހާރު އޮތް އިރު އެ ހުރިހާ ބޯޑުތަކެއްގައި "މަޅުގަނޑު" ލޯގޯ ވެސް ހުންނަނީ ޖަހައިފަ އެވެ.

"ކައިޓް ސާފް ޓީމުގައި އުޅޭނެ 13 އަހަރުން ފެށިގެން 50 އަހަރާ ދެމެދުގެ މީހުން. ހުރިހާ ކުދިންނަކީ ވެސް އެކަމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް،" ޝަހީމް ބުންޏެވެ.

އެ ހުރިހާ ކައިޓްބޯޑުތަކެއް ވެސް ޝަހީމް ހަދައިދީފައިވަނީ އެއްވެސް އަގެއް ނުނަގަ އެވެ.

ޝަހީމްގެ އުއްމީދަކީ ވީހާ ވެސް ގިނަ ޒުވާނުން ރަށުން ކައިޓްސާފިން އަށް ޝައުގުވެރިކަން އުފެދުމެވެ. އަދި އެ ހުރިހާ އެންމެންނަށް އެހީތެރިވުމަށް ޝަހީމް ހުރީ ތައްޔާރަށެވެ.