ހުސެއިން އަލީގެ ގޭގައި އަބަދުވެސް އެކި ވައްތަރުގެ މެޝިނަރީސް ހުރެ އެވެ. ވަޑާމާއި މެކޭނިކަލް އެކި މަސައްކަތްތައް ކުރާ އެ ގޭގައި މެޝިނެއް ބާވެ ހަލާކުވެގެން އެއްލާލާކަށް ނުޖެހެ އެވެ. އޭގެ މެޝިނުތައް ހުސެއިނަށް ފެންނަނީ ތަފާތު ގޮތަކަށެވެ. އެ ވިސްނުމުގައި ހުސެއިން އަތްލާ ކޮންމެ އެއްޗެއް ވާނީ ތަފާތު މެޝިނަކަށެވެ.

ހދ. ހަނިމާދޫގެ ޒުވާނެއް ކަމަށްވާ ހުސެއިން ރަށުގައި ހުރެގެން ކުރާ މި މަސައްކަތް ތަފާތެވެ. މިއީ ކުޅޭ ކާރު މޯޓަރެއް ބޭނުންކޮށްލައިގެން ފުޅިމަދު ބޯޓެއް ދުއްވުން ކަހަލަ ކަމެއް ނޫނެވެ. އެއަށް ވުރެ ބޮޑެތި އަދި ބޭނުން ހިފޭ ތަފާތު އެކި އެއްޗެހި ހުސެއިން އުފައްދަ އެވެ.

އުމުރުން 29 އަހަރުގެ ޒުވާނާގެ މި ޝައުގުވެރިކަމުގައި ސައިކަލެއްގެ ކުދިކުދި މައްސަލަތަކުން ފެށިގެން ބޮޑެތި މެޝިންތައް ރޭވުމާއި އުފެއްދުމުގެ ގާބިލްކަން ވަނީ ހޯދައިފަ އެވެ.

ބާ އެއްޗެހި ބޭނުންކޮށްގެން ހުސެިން ހަދާފައިވާ ވިނަ ކޮށާ މެޝިން --- ފޮޓޯ : ތިލަދުން
ބާ އެއްޗެހި ބޭނުންކޮށްގެން ހުސެިން ހަދާފައިވާ ވިނަ ކޮށާ މެޝިން --- ފޮޓޯ : ތިލަދުން

"ގޭގައި އަބަދުވެސް އެކި ކަހަލަ މެޝިން ހުންނާނެ. އަދި އެކި ކަހަލަ ގަރާޖާ ގުޅޭ މަސައްކަތް ވެސް ކުރާނެ. އެހެންވެ ކަންނޭނގެ މިކަހަލަ މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފެދުނީ،" ހުސެއިން ކިޔައިދިނެވެ.

ބާ މެޝިންތައް ބޭނުންކޮށްގެން އެންމެ ފުރަތަމަ އެއްޗެއް އޭނާ ހަދާފައިވަނީ ގާތްގަނޑަކަށް މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އޭނާ އެންމެ ފުރަތަމަ ހެދީ ބަރު އެއްޗެހި އުފުލާ މެޝިނެއް ކަމަށެވެ.

"ރުއް އެއްޗެހި ކަނޑައި އުޅުނު ދުވަސްވަރެއް އެއީ. ދެން އެ ކަނޑާފައި ހުންނައިރު އެ އުފުލާނެ މާ ފަސޭހަ ގޮތެއް ނެތީމާ އަސްލު ރުއް ކަހަލަ ބަރު އެއްޗެހި އުފުލަން އެއްޗެއް ހެދީ،" އޭނާ ކިޔައިދިނެވެ.

އޭގެ ފަހުން އެފަދަ ތަފާތު އެކި ކަހަލަ މެޝިންތައް ވަނީ ހުސެއިން އުފައްދައިފަ އެވެ. އެ ހުރިހާ އެއްޗެއް އުފެއްދުމުގައި ވެސް އޭނާ ބޭނުންކުރަނީ ބާ މެޝިންތަކުގައި ހިމެނޭ އެކި ކަހަލަ ބައިތަކެވެ. އޭގެތެރޭގައި އިންޖީނު ފަދަ ތަކެތި ހިމެނެ އެވެ.

ހުސެއިން ތައްޔާރުކޮށްފައިވާ އިލެކްޓްރިކް ހުނިގޮނޑި --- ފޮޓޯ : ތިލަދުން
ހުސެއިން ތައްޔާރުކޮށްފައިވާ އިލެކްޓްރިކް ހުނިގޮނޑި --- ފޮޓޯ : ތިލަދުން

ރަށުގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯކްޝޮޕްގައި ހުސެއިންގެ ހުނަރު ބޭނުންކުރާއިރު އެއްޗެހި އުފެއްދުމަށް ހުރި ހުނަރާ އެކު އޭނާ ވަނީ ލަކުޑި ކީހާ މެޝިނަކާއި އިލެކްޓްރިކް ހުނިގޮނޑިއެއްގެ އިތުރުން ވިނަ ކޮށާ މެޝިނެއް ވެސް ހަދައިފަ އެވެ.

ހުސެއިން ހަދާފައިވާ މެޝިންތަކުގެ ތެރެއިން އެންމެ ބޮޑު އެއްޗަކީ އޭނާގެ ފުރަތަމަ އުފެއްދުން، ބަރު އެއްޗެހި އުފުލާ މެޝިނެވެ. މިއަކީ މެޝިނަކަށް ވުރެ ބޮޑަށް ވެހިކަލެއްގެ ގޮތުގައި ހިމެނޭ ހާއްސަ އެއްޗެކެވެ. ބާވެފައިވާ ޕެޓްރޯލް ޕަމްޕެއް ބޭނުންކޮށްގެން އެ ވެހިކަލްގެ އިންޖީނު ފުރިހަމަކޮށްފައިވާއިރު އެ ވެހިކަލްގެ އެހެން ބައިތަކަށް ބޭނުންވާ އެއްޗެހި ވެސް ނަގާފައިވަނީ ބާ ވެހިކަލްތަކުންނެވެ.

ބަރު އެއްޗެހި އުފުއްލުމަށް ހެދި ވެހިކަލްގައި ހުސެއިން --- ފޮޓޯ : ތިލަދުން
ބަރު އެއްޗެހި އުފުއްލުމަށް ހެދި ވެހިކަލްގައި ހުސެއިން --- ފޮޓޯ : ތިލަދުން

ހުސެއިން ބުނި ގޮތުގައި ބަރު އެއްޗެހި އުފުލާ އެ ވެހިކަލަކީ މިހާރު ވެސް އޭނާ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އަދި ހެވީ ލޯޑަރަކުން ކުރެވޭ ގިނަ މަސައްކަތް އެއިން ކުރެވޭނެ ކަމަށް ހުސެއިން ބުންޏެވެ.

އޭނާ އުފައްދާ ގިނަ މެޝިންތަކަކީ ކަރަންޓު ނެތް ތަންތަނުގައި ބޭނުންކުރެވޭނެ އެއްޗެއްސެވެ. ކަރަންޓު މޯޓަރުގެ ބަދަލުގައި ގިނަ އެއްޗެހީގައި ޕަމްޕް މޯޓަރު ބޭނުންކޮށްފައިވަނީ އެ ސަބަބާ ގުޅިގެންނެވެ.

އެ މެޝިންތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެކި މެޝިންތައް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ހުސެއިން ބުންޏެވެ. އޭގެތެރޭގައި މަސައްކަތް ފަށާފައިވާ ބައެއް ޕްރޮޖެކްޓުތައް ވެސް އެބަހުއްޓެވެ. މޫދުގައި ދުއްވޭނެ ބައިސްކަލެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ލަކުޑި ކީހުމަށް ހުސެއިން ތައްޔާރުކުރި މެޝިން --- ފޮޓޯ : ތިލަދުން
ލަކުޑި ކީހުމަށް ހުސެއިން ތައްޔާރުކުރި މެޝިން --- ފޮޓޯ : ތިލަދުން

ނަމަވެސް އެ މަސައްކަތް މިހާރު މަޑު ޖެހިފައިވަނީ އެއަށް ބޭނުންވާ ތަކެތި ނުލިބޭތީ އެވެ.

"އެއީ އަސްލު މަސައްކަތައް އޮތް އެންމެ ބޮޑު އުނދަގުލަކީ. ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ވަރަށް އުނދަގުވޭ. ރަށުން ނުލިބޭ ބައެއް ފަހަރު. އެހެންވީމާ ބޭރުން ބައެއް އެއްޗެހި އެބަޖެހޭ ގެންނަން،" ހުސެއިން ބުންޏެވެ.

ހުސެއިންގެ މަސައްކަތަށް ކިތަންމެ ދަތިތަކެއް ހުއްޓަސް ކުރިއަށް ދާން އޭނާ ބޭނުންވެ އެވެ. އަދި ކުރެވެން އޮތް ހުރިހާ މަސައްކަތާ އެކު ކުރިއަށް އޮތްތަނުގައި ވެސް ތަފާތު އެކި ކަހަލަ މެޝިންތައް އުފައްދާނެ ކަމަށް ބުންޏެވެ.