ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި ބޮޑު އާގުބޯޓެއް މާލެއަތޮޅު ރަސްފަރީ ފަރަށް މިއަދު އުރިއްޖެ އެވެ.
އާގުބޯޓްފަހަރު ހަރަކާތްތައް ބަލައި މައުލޫމާތު އާއްމުކުރާ މެރިން ޓްރެފިކް ވެބްސައިޓްގައިވާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ބަލްކް ކެެރިއާ އަކީ އެތެރެއަށް މުދާ އޮއްސައިގެން އުފުލާ ބާވަތުގެ އާގުބޯޓް ފަހަރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރަސްފަރީ ފަރަށް ބޯޓް އުރުނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަަށް ދަތުރުކުރަނިކޮށެވެ. ބޯޓްގައި ތިބީ ފިލިޕީންސްގެ 19 މީހެއް ކަމަށާއި ބޯޓް ފަރަށް އުރުނީ އޭގެ އިންޖީނު ހުއްޓިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެހާ ބޮޑު ބޯޓެއް، އެހާ ދުރު ދަތުރެއް ކުރާ އިރު ބެލެވޭ ގޮތުގައި ބޯޓަށް އޮންނާނީ ވަރަށް ގިނައިން ތެޔޮ އަަޅައިފަ އެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯޓުގައި ގިނަ އަދެއްގެ ތެޔޮ ހުރި ކަމުގެ މައުލޫމާތެއް ނެތް ކަމަށެވެ.
ބޯޓުގައި ގިނައިން ތެޔޮހުރެފައި، ތެޔޮޓޭންކް ފޫދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ބޯޓް އުރުނު ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ނުރައްކާ އޮންނާނެ އެވެ. އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އޮތީ ފަރުގެ ވަރަށް ތިލަ ހިސާބަށް އަރައި ހިކިފަ އެވެ.
ބޯޓް ފަރަށް އެރިކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މެންދުރު 12:48 އެހާާކަށް ހާއިރު ކަމަށާއި ބޯޓް ފުންކުރުމުގެ މަސައްކަތް އޭރުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ބޯޓް ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ބޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަަކާ ގުޅިގެންނެވެ.