ގއ. ނިލަންދޫ ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބޯޓު ފުންކޮށްފި އެވެ.

އެ ރަށު ފަރަށް އެފްއެސްއެމްގެ ތެޔޮ ބޯޓު އަރާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ހެނދުނެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު ވިދާޅުވި ގޮތުގައި، އެ ދުވަހު އިރުއޮއްސި 6:00 ހާއިރު އެ ކުންފުނީގެ އިތުރު ބޯޓެއް ގެންގޮސްގެން އެ ބޯޓު ފުންކޮށްފައިވާ ކަމަށެވެ.

އެކަމަކު، ކައުންސިލުން އެ ސަރަހައްދު ބެލިއިރު ފަރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަރަށް ބޮޑަށް ގެއްލުންވެފައި ހުރީ. ވަރަށް ބޮޑު ބައެއް ކަނޑައިގެން ގޮސް ހަލާކުވެފައި. އެކަމަކު ތެޔޮ އެޅުން ފަދަ ކަމެއް ނެތް،" ނާސިހު ވިދާޅުވި އެވެ.

އެ މައްސަލާގައި އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނާސިހު ވިދާޅުވި އެވެ.

ފަރަށް އަރައިގެން ގެއްލުން ލިބޭ މައްސަލަތަކާ ގުޅިގެން އީޕީއޭ އިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ.

މި މައްސަލާގައި އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.