ދައުލަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބައެއް ކަމަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ނެރުއްވި ދެ ސާކިއުލާގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަނީ ވެކްސިން ޖަހާފައިވާ މުވައްޒަފުންކަމަށް ހެދުމަށެވެ.
އެ ސާކިއުލާގައި ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރަން ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މި މަސް ނިމުމުގެ ކުރިން އާބާދީގެ 90 ޕަސެންޓަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށް އަމާޒުކޮށް ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިނަށް އެއްބާރުލުންދީ ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިލްތިމާސްކުރައްވާފައި ވެ އެވެ.
އެ ދުވަހު އެކަނި ވެސް 3،331 މީހުން ދެ ވަނަ ޑޯޒު ޖަހާފައި ވެ އެވެ. މިހާތަނަށް 268،244 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފެށިއިރު، ސަރުކާރުން އަންނަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ފަށައިފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ، ވެކްސިންގެ ސަބަބުން ލިބޭ ރައްކާތެރިކަމާ އެކު އާންމު ހާލަތަށް ދިއުމަށް މަސައްކަތް ކުރަމުން އަންނައިރު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިތައް ލިބޭނެ ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހައި ތިބި މީހުން އެ ލުއިތަކުން އިސްތިސްނާވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ލުއި ދޭން ފަށާނީ ކޮން އިރަކު ކަމެއް، ކޮން ހިދުމަތްތަކެއް ހޯދުމުން ކަމެއް އަދި ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.