އެޗްޕީއޭގެ އެންމެ އިސްވެރިޔާ، ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރާ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ މަގާމުގެ މުސާރައަށް 21,884ރ.، އެލަވަންސަށް 12,534ރ. އަދި ހާޒިރީ އެލަވަންސަށް 339ރ. އާއެކު މަހަކު 41،876ރ. ލިބޭނެ އެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިއުލާންކުރީ، އެ މަގާމުގައި ފާއިތުވި ނުވަ އަހަރު އުޅުއްވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމުންނެވެ.

ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގެ ޒިންމާތައް އަދާކުރާ އެޗްޕީއޭގެ އެންމެ އިސްވެރިއަކަށް މައިމޫނާ އައްޔަންކުރެއްްވީ ނޮވެމްބަރު 17، 2016 ގަ އެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ އެކި ޒިންމާތައް ވެސް ފުރުއްވައިފަ އެވެ. 

އެޗްޕީއޭގެ ޑީޖީގެ ޝަރުތުތައް 

- މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ/ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާގެ ސަނަދު ހާސިލްކޮށް، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރުގެ ތަޖުރިބާ ލިބިިފައިވުން. އެ މުއްދަތުގައި މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

- މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ/އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށް، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގައި މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ޑީޖީގެ ބައެއް ޒިންމާތައް

- އާއްމު ސިއްހަތު ރައްކާތެރިކޮށް ދަމަހައްޓަން ހިންގަންޖެހޭ ޕްރޮގްރާމްތައް ދެނެގަނެ، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫލުތަކަށް ހިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން ތަބާވުން ލާޒިމުކުރުން.

- ސިއްހީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް ބޭރު ގައުމުތަކުން ރާއްޖެއަށް ފޯރުން ކޮންޓްރޯލުކުރުމާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައ، ބޭރުގެ ޖަމާއަތްތަކާއި ގައުމުތަކާއެކު އެއްބަސްވުމާއި އެފަދަ ޖަމާއަތްތަކާއި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.