އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) އެއް ގާއިމްކުރުމުން އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމަކާއި، އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓުގެ ނިޒާމު ސްޓެބަލައިޒް ވާނެ ކަމަށާއި ސޯލާ ހަކަތަ ހޯދަން ބޭނުންވާ ޕެނަލްތައް މިހާރަށް ވުރެ ގިނައިން ކަރަންޓު ގްރިޑާ ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، މިނިސްޓްރީން ބުނީ އެ ބެޓަރީ ސްޓޯރޭޖާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމުން އައްޑޫގައި ކަރަންޓު ނުކެނޑި 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށެވެ.
"މި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއި، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމުން 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،" މިނިސްޓްރީއިން ބުންޏެވެ.
އައްޑޫގައި މީގެ ކުރިން ވަނީ 1.6 މެގަވޮޓްގެ ޔުޓިލިޓީ ސްކޭލް ސޯލާ ސިސްޓަމް ގާއިމްކޮށްފައިވެ އެވެ. އޭގެ އިތުރުން ބައެއް ގެތަކުގައި ހޯމް ސޯލާ ސިސްޓަމްތައް ވެސް ހަރުކޮށްފައި ހުރެ އެވެ.
ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި އެކަމަށްކުރާ ހަރަދު ކުޑަ ކުރަން ސަރުކާރުން ދަނީ ވޯލްޑް ބޭންކްގެ އެހީގައި ސޯލާ ހަކަތައިގެ ނިޒާމުތައް ގާއިމް ކުރުމުގެ މަޝްރޫއުތައް ހިންގަމުނެވެ.
އައްޑޫގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ވެސް މި ނިޒާމުތައް ގާއިމްކުރާ އިރު، އޭގެ ތެރޭގައި މާލެ-ހުޅުމާލެ ލިންކު ރޯޑުވެސް ހިމެނެ އެވެ.