މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަަދަދު އާދަޔާ ހިލާފަށް މައްޗަށް ދާން ފެށުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮއްވައި މިދިޔަ ހުކުރު ދުވަހު މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ހުކުރު ނަމާދު ކޮށްފައި ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުއް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތްތަކުގަ އެވެ. މި ހުރިހާ މިސްކިތެއްގައި ކުރި ހުކުރު ނަމާދުގައި ވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މަނާކޮށްފައި އޮއްވައި ހުކުރު ނަމާދުކުރި މައްސަލައިގައި، އެކަމުގައި އިސްކޮށް އުޅުނު މީހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުންޏެވެ.
ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މޭ މަހު 26 ގަ އެވެ. ނަމަވެސް މިސްކިތްތައް ބަންދުކޮށްގެން، ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ އެކު، މި މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް އަލުން ހުޅުވަން ހުއްދަ ދިނެވެ. އެކަމަކު އެ ހުއްދަ ދިނީ ޖަމާއަތް ނުހަދައި ވަކިން ނަމާދުކުރާ ގޮތަށެވެ.