މާލެ ސަރަަހައްދުގެ 12 މިސްކިތެއްގައި ޒުވާން ހަތީބުން އިމާމުވެ، މިއަދުގެ ހުކުރު ނަމާދުކޮށްފި އެވެ.
އެކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިފަހުގެ ތާރީހެއްގައި އެންމެ ގިނަ ޒުވާން ހަތީބުން އިމާމުވެ ހުކުރު ނަމާދު ކުރި ދުވަސް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ މުޅިން ވެސް މި ސަރުކާރުން ކުރިއަށް ގެންދިޔަ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކުރި ކުދިންނެވެ.
ޒުވާން ހަތީބުން މިއަދު ހުކުރު ނަމާދުކުރި މިސްކިތްތައް:
- މަސްޖިދު މުހައްމަދު
- މަސްޖިދު އަމީލް ޖަލީލް
- މަސްޖިދު އުސްމާން
- މަސްޖިދު ސަލާމް
- މަސްޖިދު ހަސަން އާދަމް
- މަސްޖިދުލް އަޞްދީގާ
- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު ފުރްގާން
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ
- މަސްޖިދުއް ނޫރު
ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ޒުވާން ހަތީބުން އިމާމުވެ މާލޭގެ ގިނަ މިސްކިތްތަކެއްގައި އިމާމުވެ ނަމާދު ކުރިިއިރު މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެ ވަނަ ބެޗުގައި 209 ހަތީބުން ތަމްރީނުކޮށްފަ އެވެ.
މިއާ އެކު، މިހާތަނަށް 300 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ. ސަރުކާރުން އަމާޒު ހިފާފައި ހުރީ މި ފަސް އަހަރުގެ ތެރޭގައި 100 ހަތީބުން ތަމްރީނު ކުރުމަށެވެ. އެކަން ހާސިލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް ދޭ ޕްރޮގްރާމެކެވެ. މިއީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ.